ނެށުމުގެ ހުނަރުން ގިނަ ބަޔެއްގެ ހިތްތައް ހޯދާފައިވާ ނޯރާ ފަތޭހީ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު 40 މިލިއަނަށް އަރައިފި އެވެ.
ބޮލީވުޑްގައި މިހާރު ފިޔަޖަހަމުން އަންނަ ކުޅަދާނަ ނެށުންތެރިޔާ ނޯރާގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު ވަނީ 40.1 މިލިއަނަށް އަރާފަ އެވެ.
ނޯރާ ވަނީ އޭނާގެ ފޮލޯވަރުންގެ އަދަދު އިތުރުވުމާ ގުޅިގެން އޭނާއަށް ސަޕޯޓްކުރާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.
އުމުރުން 30 އަހަރު ނޯރާއަކީ ކުޑަ ކުދިންގެ މެދުގައި މަގުބޫލު ފަންނާނެކެވެ. ނޯރާގެ ލަވަތަކުގެ ތެރެއިން އެންމެ ބޮޑަށް މަގުބޫލުވެގެން ދިޔަ އެއް ލަވައަކީ ޖޯން އަބްރަހަމްގެ 2018 ގެ ފިލްމު "ސަތިއަމޭވް ޖަޔަތޭ" ގެ އައިޓަމް ލަވަ "ދިލްބަރު" އިންނެވެ.
އޭގެ ފަހުން އެފަދަ ހިޓް އެތައް ލަވައަކުން އޭނާ ފެނިފައިވެ އެވެ. އޭގެ ތެރޭގައި 2018 ގެ "އިސްތިރީ" ގެ "ކަމަރިއާ" އާއި 2019 ގެ "މަރުޖާވާ" ގެ "އޮ ސާ ކީ ސާކީ" އާއި 2020 ގެ "ސްޓްރީޓް ޑާންސާ" ގެ "ގަރުމީ" ގެ އިތުރުން މިދިޔަ އަހަރުގެ "ސަތިއަމޭވް ޖަޔަތޭ 2" ގެ "ކުސޫ ކުސޫ" ހިމެނެ އެވެ.
ނޯރާއަކީ މިހާރު ކަލާޒް ޗެނެލުން ގެނެސްދޭ "ޑާންސް ދިވާނޭ ޖޫނިއާ"ގެ ޖަޖެއް ވެސް މެ އެވެ.
މީގެ ކުރިން މަލައިކާ އަރޯރާ ޖަޖުކަން ކުރި ޝޯއެއްގައި، މަލައިކާއަށް ކޮވިޑު ޖެހުމުން އޭނާގެ ބަދަލުގައި ނޯރާ ވަނީ ދުވަސްކޮޅަކަށް ޖަޖުކަން ކޮށްފަ އެވެ.
ނޯރާގެ ފޭނުންނާ އޭނާ ގުޅުވައިދެނީ '#ޑާންސްވިތުނޯރާ' މި ހޭޝްޓެގާ އެކު ފޭނުން ދޫކޮށްލާ ޑާންސް ވީޑިއޯތަކުންނެވެ.