ކުޑަކުދިންތަކަކަށް މުއްދަތު ހަމަވެފައިވާ ވެކްސިން ދިން މައްސަލައާ ގުޅިގެން ވިލިމާލެ ހޮސްޕިޓަލުގެ މުއައްޒަފުންނަށް ފިޔަވަޅު އަޅައި ސަސްޕެންޑް ކޮށްފި އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލްކަމަށްވާ އައިޖީއެމްއެޗް ހޮސްޕިޓަލުގެ ދަށުން ވިލިމާލެ ހޮސްޕިޓާ ހިންގާފައިވާއިރު، އެ ހޮސްޕިޓަލުން ވަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ.

އެގޮތުން އެމައްސަލަ އެހޮސްޕިޓަލާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ތަހުގީގު ކުރަމުންދާ ކަމަށާއި އެ މައްސަލައިގައި އިހުމާލުވާ މީހުންނާމެދު ފިޔަވަޅުއަޅާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ.

"މިމައްސަލައިގައި އިހުމާލުވާ ފަރާތްތަކާއި މެދު އަޅަން ޖެހޭ ފިޔަވަޅު އަޅައި، މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" އައިޖީއެމްއެޗުން ބުންޏެވެ.

މިމައްސަލަ ފެންމަތިވުމާއި ގުޅިގެން ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖެހުން ވަނީ ވަގުތީގޮތުން މެދުކަނޑާލާފަ އެވެ.

ވިލިމާލޭ ހޮސްޕިޓަލުން ކުޑަކުދިންނަށް މުއްދަތު ހަމަވެފައިވާ ވެކްސިން ދިން މައްސަލަ ސަމާލުކަމަށް އާންމުންގެ ސަމާލުކަމަށް ގެނެސްފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަޙުމަދު އުޝާމް އެވެ.

ކުޑަކުދިންތަކަކަށް ދުވަސް ހަމަވެފައިވާ ވެކްސިންއެއް ދީފައިވާކަމުގެ ޝަކުވާ ވިލިމާލޭގެ ގިނަ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

މި މައްސަލައިގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅައި، ސަސްޕެންޑްކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން ފިޔަވަޅު އަޅާފައިވަނީ ކިތައް މުއައްޒަފުންނަށް ކަމެއް އެ ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެ އެވެ.