ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ގެކޮޅުގައި ހުރި އިންޑިއާ އައުޓް ބެނާ ފުލުހުން ނެގީ ގޯސް ކޮށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލެ ބެލުމަށްފަހު މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމްގައި ވަނީ ޔާމީންގެ ގެކޮޅަށް ވަނުމަށް ކޯޓު އަމުރު ނެރެންޖެހޭ އެކަށީގެންވާ ސަބަބެއް އޮތްކަން ކްރިމިނަލް ކޯޓުގެ އަމުރުގައި ނެތް ކަމަށެވެ.

އެ ބެނާ ނެގުމުގެ އަމުރަކަށް ފުލުހުން އެދުނީ އާންމު މަސްލަހަތަށް ގެއްލުންވާ ފަދަ އަމަލެއްގެ ކުރުމުގެ ތުހުމަތުގައި ކަމަށްވާއިރު، އެ ބެނާ ހަރުކުރުމުން އާންމު މަސްލަހަތަށް ގެއްލުންވާ ގޮތެއް ފުލުހުންނަށް ބުނެނުދެވޭ ކަމަށެވެ.

އިންޑިއާ އައުޓް ބެނާ ނެގުމަށް ރައީސް ޔާމީނަށް ފުލުހުން އެންގީ ކޮން ހަމައަކުންކަން ވެސް އެނގެން ނެތް ކަމަށް ހައިކޯޓުގެ ހުކުމުގައިވެ އެވެ.

ކޯޓު އަމުރުގެ ދަށުން ހޯދަން ބޭނުންވާ ހެކި ކަމަށް ބުނެ ފުލުހުން ރައީސް ޔާމީންގެ ގެކޮޅުން ގެންދިޔައީ އެ ބެނާ އެކަންޏެވެ. ކޯޓު އަމުރެއްގެ ދަށުން އެ ބެނާ ނެގުން ވެސް ގޯސް ކަމަށް ހައިކޯޓުން ކަނޑައެޅި އެވެ.

ޔާމީންގެ ގެކޮޅުގެ އިތުރުން މާލޭގެ ބައެއް ގެތަކުގައި ވެސް އިންޑިއާ އައުޓް ބެނާތައް ނެގި އެވެ. އެ ހުރިހާ ބެނާތަކެއް ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ނަގާފަ އެވެ.