ދުނިޔޭގެ އިގްތިސޯދަށް މިހާރު ކުރިމަތިވެފައިވާ ހަލަބޮލިކަމާއެކު މަތިވަމުންދާ އިންފްލޭޝަންގެ އަސަރު ރާއްޖެއަށް ވެސް ކުރުން ގާތް ކަމަށާއި އެހެންވެ ދަތިވެދާނެ ހާލަތަކަށް ތައްޔާރަށް ތިބުމަށް ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ގޮވާލައްވައިފި އެވެ.
ގައުމީ ބޭންކުން ރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި ސީއީއޯ ވިދާޅުވީ، މުޅި ދުނިޔެ އަށް ވެސް އިގްތިސާދީ ބޮޑު ކާރިސާއެއް އައުމުގެ މަލަމަތި ފެންނަމުންދާ ކަމަށެވެ.
"ދުނިޔޭގެ ބޮޑު ރެސެޝަނެއް އަންނަ ކަމުގެ ނިޝާންތައް އެބަ ފެނޭ. މިހާރު ވެސް އެބަ އޭގެ އަސަރުތައް ގައުމުތަކުން ފެނޭ،" އޭނާ ވިދާޅުވި އެވެ.
ޓިމް ވަނީ ދުނިޔެ އަށް މިހާރު ކުރިމަތިވެފައިވާ ތަކެތީގެ އަގު ބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކުރިމަތިވެފައިވާ ސްރީލަންކާގެ ހާލަތުގެ މައްޗަަށް އަލިއަޅުވާލައްވާފަ އެވެ.
"ދުނިޔޭގެ ސީރިއަސް ރިސެޝަނެއް [އިގްތިސޯދީ ދަތިކަމެއް] ކުރިމަތިވެފައިވާއިރު، ކާބޯތަކެއްޗާއި ތެލުގެ އަގު ހަލުވިކަމާއެކު މަތިވެ، އިންފްލޭޝަންގެ ސަބަބުން ސްރީލަންކާ އަށް އޭގެ އަސަރު ވަނީ ކޮށްފައި. ސްރީލަންކާ އަށް ކުރަމުންދާ އަސަރު އަޅުގަނޑުމެންނަށް މިހާރު ވެސް ފެންނަމުންދޭ،" ބަނގުރޫޓުވެފައިވާ ސްރީލަންކާގެ ހާލަތާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ.
ޓިމް ވަނީ ދަތިހާލަތެއް ރާއްޖެއަށް ވެސް އަތުވެދާނެ ކަމަށާ އެކަމަށް ތައްޔާރުވުމަށް އެދިވަަޑައިގެންފަ އެވެ. ހާއްސަކޮށް އެމެރިކާ ޑޮލަރުން މުއާމަލާތް ކުރުމުގައި ދުނިޔޭގައި އުފެދިފައިވާ ނުތަނަވަސް ކަމާއި ވާދަވެރިކަން ބޮޑުވެ، އަދި ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސް (އެފްއޭޓީއެފް) އިން އެންޓި މަނީ ލޯންޑަރިނގެ އުސޫލު އިތުރަށް ހަރުދަނާ ކުރުމަކީ ރާއްޖެ ފަދަ ގައުމަކަށް ހެވަކަށް ނުވެދާނެ ކަމަށް ވިދާޅުވި އެވެ.
"ޓީވީ ޝޯ ގޭމް އޮފް ތްރޯންސް ބެލި ފަރާތްތަކަށް އެނގޭނެ، ހަނދާން ހުންނާނެ ތަކުރާރުކޮށް ބުނޭ "ވިންޓަ އިޒް ކަމިން އޭ!،" އޭނާ ވަނީ އެ ހާލަތަށް ބޭންކް ތައްޔާރުވާއިރު ގައުމު އެފަދަ ހާލަތަކަށް ތައްޔާރު ވަމުންދޭތޯ ސުވާލު ކުރައްވާފަ އެވެ.
ޓިމް ވިދާޅުވީ ކޮވިޑާ ގުޅިގެން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިވީ، ސީސީސީގެ ބައިނަލްއަގްވާމީ ކްރެޑިޓް ރޭޓިންގައި ރާއްޖޭގެ ދަރަޖަ ދަށަށް ދިޔުމުންނާއި ޑޮލަރުގެ ދަތިކަމާ ވެސް ކުރިމަތިވުމުން ކަމަށެވެ.
ކޮވިޑުން މިހާރު ސަލާމަތްވެވިއްޖެކަން ފާހަގަ ކުރައްވާ ޓިމް ވިދާޅުވީ ހާލުގައި ޖެހުނު އެ ވަގުތުގައި ބީއެމްއެލް އިން ކޮޅަށް ތެދުވެ ގައުމުގެ އިގްތިސާދީ ދެމިއޮތުން ކަށަވަރުކޮށްދިން ކަމަށެވެ. އެގޮތުން ލޯނު ދިނުން ކުރިއަށް ގެންދިއުމާއި މުހިންމު ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމާއި ދަރަނީގެ ބޮޑު ލުޔެއް ބީއެމްއެލްއިން ދިންކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ޓިމް ވިދާޅުވީ ކޮވިޑުން ރާއްޖެއަށް އަރައިގަނެވޭނެ ކަމަށް ވަރަށް ގިނަ މީހުން ޝައްކު ކުރި ކަމަށާއި އެކަމަކު އެކަމުގައި ރާއްޖެއިން ހޯދި ކާމިޔާބީގެ ކޭސް ސްޓަޑީއެއް ހެދުމުގެ ހުއްދައަށް ބައިނަލްއަގްވާމީ ބައެއް ޖަމާއަތްތަކުން މިހާރު އެދިފައިވާ ކަމަށެވެ.
"އެންމެ ހާލުގައި ޖެހުނު އިރު ބީއެމްއެލް އިން ކޮޅަށް ތެދުވެ ކުރި މަސައްކަތުން ގައުމުގެ އިގްތިސާދީ ދެމިއޮތުން ކަށަވަރުވި. ރަނގަޅު ކެޕިޓަލް ރިޒާވްއަކާ އެކު ނަމްބަރުތައް ހުރީ ރަނގަޅަށް ކަމުން މުސްތަގުބަލަށް ދަތުރުކުރަމުން އަންނަނީ ރަނގަޅު ދިމާލަކަށް،" އޭނާ ވިދާޅުވި އެވެ.