މާލެއިން 440 އަށްވުރެ ގިނަ ބަނގުރާފުޅިއާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން އާންމުކުރި ބަޔާނެއްގައި އެއިދާރާއިން މަސްތުވާތަކެއްޗާ ދެކޮޅަށް އޮޕަރޭޝަނެއް ހިންގިކަން ފާހަގަކޮށް ބުނީ އެއީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

އެގޮތުން ފުލުހުން ހިންގި ބަނގުރާގެ އެ އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ބަނގުރާ ދަޅުތަކަކާއެކު ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން އިއްޔެ އެ އޮޕަރޭޝަން ހިންގާފައިވާއިރު، އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ހަތަރު ފިރިހެނުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެއީ 20 އަހަރު، 21 އަހަރު، 27 އަހަރު، އަދި 30 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ އެ މީހުން ހައްޔަރުކޮށް، އެމްއެމްއޭ ކުރިމަތީ އޮތް ޕިކަޕަކާއި އެ ދިމާ ފަޅުތެރޭގައި އޮތް ލޯންޗެއް ބަލައި ފާސްކުރިއިރު 441 ދަޅު ބިޔަރު އަދި 12 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުން ގެންދާނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.