ދުނިޔޭގައި މިހާތަނަށް އިމާރާތް ކުރި އެންމެ ދިގު ބިއްލޫރި ބްރިޖް ހުޅަނގު އުތުރު ވިއެޓްނާމްގައި މިދިޔަ އޭޕްރިލް މަހު ހުޅުވައިފި އެވެ.

ސޮން ލާ ޕްރޮވިންސްގެ ދެ ފަރުބަދަ ގުޅުވައިދޭ މި ބްރިޖްގެ އެއްފަރާތުގައި ފަރުބަދަމަތީ ރިސޯޓެއްވާއިރު ބްރިޖް ހުރަސްކުރާ މީހުންނަށް އެ ސަރަހައްދުގެ ގުދުރަތީ ރީތިކަން ވަރަށް ރީތިކޮށް ފެންނާނެ އެވެ.

ބިމަށްވުރެ 492 ފޫޓު އުހުގައި ހަދާފައިވާ މި ބްރިޖަކީ 2073 ފޫޓު ދިގު ބްރިޖެކެވެ. އެއްފަހަރާ 450 މީހުންނަށް ބޭނުން ކުރެވޭނެ ކަމަށް ބްރިޖް އިމާރާތްކުރި ފްރާންސްގެ ކޮންސްޓްރަކްޝަން ކުންފުނިން ބުނެ އެވެ.

ވިއެޓްނާމްގައި ހުޅުވި ދުނިޔޭގެ އެންމެ ދިގު ބިއްލޫރި ބްރިޖްގައި ބަޔަކު ހިނގާފައި ދަނީ

ދުނިޔޭގައި ހުރި އެންމެ ދިގު ބިއްލޫރި ބްރިޖްގެ ގޮތުގައި ދުނިޔޭގެ ރެކޯޑް ފޮތުން މި ބްރިޖް ވަނީ ޖާގަ ހޯދާފަ އެވެ. މީގެ ކުރިން މި ރެކޯޑު ލިބިފައި އޮތީ ޗައިނާގެ ގުއާންޑޮންގްގައި ހުރި 1726 ފޫޓު ދިގު ބްރިޖަކަށެވެ.

މި ބްރިޖަކީ ކޮވިޑް 19 ޕެންޑަމިކްގެ ސަބަބުން އަޑިއަޅާލާފައިވާ ވިއެޓްނާމްގެ ފަތުރުވެރިކަން އަލުން އާރާސްތު ކުރަން އަޅުނު މުހިއްމު ފިޔަވަޅެއް ކަމަށް ޓޫރިޒަމް އިދާރާތަކުން ބުނެ އެވެ.

މި ބްރިޖަކީ ވިއެޓްނާމްގައި ހުޅުވި މިފަދަ ތިންވަނަ ބްރިޖެވެ. 2018 ވަނަ އަހަރު އެގައުމުގައި ހުޅުވި ބިއްލޫރު ބްރިޖަށްވެސް ދުނިޔޭގެ ސަމާލުކަން ވަނީ ލިބިފަ އެވެ.