މިއީ ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި 14 ބުރިއަށް ހަދާފައިވާ ބޮޑު ބިލްޑިންގް އެވެ. ބަލާ ބެލުމަށް ބޭރުން ރީތި ކަމެއް ފެންނާކަށް ނެތެވެ. އެހެން އިމާރާތްތަކާ މާބޮޑު ތަފާތެއް ނެތް ހަމައެކަނި ފެންނަނީ ކޮންކްރީޓް ސްޓްރަކްޗާއެކެވެ. ނަމަވެސް އިމާރާތުގެ އެތެރެއަށް ޖެހިލާނަމެވެ.

ބިމުން ފެށިގެން 14 ބުރިއަށް ކޮންކްރީޓް ނިންމާފައިވާ "ކޭ ޕާކް ރެސިޑެންސް" ގެ ތިންވަނަ ފަންގި ފިލާގައި ހަދާފައިވާ މޮކަޕް ރޫމް ބަލައިލީމެވެ. ތަފާތުކަމަކީ މިއީ އެވެ. އެ އެޕާޓްމަންޓްގެ އިންޓީރިއާ ޑިޒައިންކޮށްފައި ވަނީ ޖާގަ ތަނަވަސް ހިތްހަމަޖެހިލައިގެން އުޅެވޭ ގޮތަށެވެ. ބަދިގެ ކަބަޑު ސެޓާއި އުނދުނާއި އަވަނާއި ފާރުގައި ތައްކޮށްފައިހުރި ވޯލް ޕޭޕަރާއި ސީލިންގައި ހަރުކޮށްފައިވާ ފަންކާ އާއި އޭސީ އަދި ކޮޓަރިތަކުގެ އިންޓީރިއާ އާއި ފާޚާނާތަކުގެ އިންޓީރިއާގައި ބޭނުންކޮށްފައިވާ ފިޓިންގްސް ވެސް ޑިޒައިންތައް އެހާމެ ހިތްގައިމެވެ. މުޅިން ވެސް ބޭނުންކޮށްފައި ވަނީ އެންމެ ޒަމާނީ ފެންވަރު ރަނގަޅު ތަކެއްޗެވެ.

ގައިމު ވެސް ރާއްޖޭގައި މި ފެންވަރުގެ އިންޓީރިއާ އާއި ވަސީލަތްތައް އެކުލެވިގެން ހަދާފައިވާ އެއްވެސް ކޮންޑޮމީނިއަމެއް އަދި ރާއްޖެއަކު ނެތެވެ.

"މިތަނުގެ ކޮންކްރީޓް މަސައްކަތް ނިންމާލީ އެންމެ ހަތަރު މަސް ދުވަހުން. މިތަނުގެ އިންޓީރިއާ ޑިޒައިންކުރީ ހޮންކޮންގުގެ ސްޓާބަކްސް ޑިޒައިންކުރި ކުންފުނިން. އަޅުގަނޑުމެން ބޭނުން ވަނީ މިއީ ރާއްޖޭގައި ހުރި އެންމެ ހިތްގައިމު އެޕާޓްމަންޓަށް ހަދަން،" ކޭ ޕާކް ރެސިޑެންސް ތަރައްގީ ކުރާ ހަންބޯ ކުންފުނީގެ ޕްރޮޖެކްޓް ކޮންސަލްޓަންޓް އިބްރާހިމް ނަޝީދު ވިދާޅުވި އެވެ. "މިތަން ނިމިފައި ހުންނައިރު އިންޓީރިއާ މިއަށްވުރެ މާ ފުރިހަމަވެފައި މާ ހިތްގައިމުވާނެ."

ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ކުރިމަތީގައި ހަދާ ކޭ ޕާކް ރެސިޑެންސް. ފޮޓޯ: ހަމްބޯ

އެތަނުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބަލައިލުމުން ހަންބޯ ކުންފުނީގެ ތަސައްވުރާއި އެކަން ހަގީގަތަކަށް ހެދުމަށް ކުރާ މަސައްކަތް ވަރަށް ރަނގަޅަށް ފެނެ އެވެ. އެޕާޓްމަންޓްތައް ޑިޒައިންކޮށްފައި ވަނީ ޖާގަ ތަނަވަސް ބެލްކަންޏާއި ވަށައިގެން ވައި ދައުރުވާ ގޮތަށް ކުޑަދޮރުތައް ހަރުކުރާ ގޮތަށެވެ.

"މިއީ އާދައިގެ ސައިޒުގެ ބެލްކަންޏެއް ނޫން. ބޭނުމިއްޔާ މިތަން އުނދޯލި ގެއެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭނެ،" އެޕާޓްމަންޓެއްގެ ބެލްކަންޏެއް ދައްކާލައްވަމުން ނަޝީދު ވިދާޅުވި އެވެ.

ބާރު ސްޕީޑެއްގައި އެތަނުގައި ކުރަމުން އައި މަސައްކަތް ކޮވިޑާލައިގަނެ އެންމެ ފަހުން ތާށިވީ އެވެ. އެކަމާ ހެދި ޕްރޮޖެޓް އޮތީ ލަސްވެފަ އެވެ. އޭގެ ސަބަބުތައް ވަރަށް ގިނަ އެވެ. އެންމެ ބޮޑު ސަބަބަކަށްވީ އެތަނުގެ މަސައްކަތް ކޮވިޑާއެކު ހުއްޓުނު އިރު ކޮންޓްރެކްޓަރު، ޗައިނާގެ ޝިޖިއާގެ މަސައްކަތްތެރީން ތިބީ ޗައިނީޒް ނިއުއިޔާއަށް ގައުމަށް ގޮހެވެ. އެހެންވެ އާދެވޭ ގޮތެއް ނުވި އެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ކުރިމަތީގައި ހަދާ ކޭ ޕާކް ރެސިޑެންސްގެ ސައިޓްގައި މަސައްކަތްކުރަނީ. ފޮޓޯ: ހަމްބޯ

"އަޅުގަނޑުމެން ވަރަށް ގިނަ ގޮތްގޮތުން މަސައްކަތްކުރި ޗައިނާ މީހުން ރާއްޖެ ގެންނަން. އެކަމަކު ފެބްރުއަރީ މަހުން ފެށިގެން ޗައިނާގެ ބޮޑު ބައެއް އޮތީ ލޮކްޑައުންކޮށްފައި. އަދިވެސް އެތަނުން އެހެން ގައުމުތަކަށް ދަތުރުފަތުރެއް ނުކުރޭ،" ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެހެން މީހުން މަސައްކަތްކުރާ ގޮތަށް މަގުމަތިން "ލޭބަރު ހޮވައިގެން" މަސައްކަތް ކުރާކަށް ބޭނުން ނޫން ކަމަށެވެ.

"މިހާރުގެ އަޅުގަނޑުމެންގެ މަސައްކަތްތެރިންގެ ދެ ގްރޫޕެއް ގެނެވި ފަހުން އަޅުގަނޑުމެން ރޭވި ޝެޑިއުލާ އެއް ގޮތަށް މަސައްކަތް މި ވަނީ ހިނގައިގެންފައި. އަދި އިތުރަށް ސްޕީޑް ހަލުއި ކުރުމުގެ ގޮތުން މަސައްކަތްތެރިންގެ އިތުރު ގްރޫޕެއް ވެސް ތިބީ ރާއްޖެ އައުމުގެ މަގުމަތީގައި، އަޅުގަނޑުމެން މިދަނީ އެކަން ކަން ހިނގާގޮތް ބްރީފްކޮށް ދެމުން، ހިއްސާ ކުރަމުން،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ކުރިމަތީގައި ހަދާ ކޭ ޕާކް ރެސިޑެންސްގެ އެޕާޓްމަންޓްތަކުގެ އެތެރެ ނިންމުމުގެ މަސައްކަތް ހުކުރު ދުވަހު ކުރަނީ. ފޮޓޯ: ހަމްބޯ

ކޮވިޑާއެކު ކޭ ޕާކްގެ މަސައަތް ހުއްޓުނީ މަސައްކަތުގެ 75 ޕަސެންޓް ވަނީ ނިންމައި ކަސްޓަމަރުން ދައްކާލުމަށް ތައްޔާރު ކުރި މޮކަޕް ދެ އެޕާޓްމަންޓެއްގެ މަސައްކަތް ހިނގަމުން ދަނިކޮށެވެ.

"ލަހެއް ނުވެ އެތަންތަން ކަސްޓަމަރުން ބަލައިލަން ޒިޔާރަތް ކުރުމުގެ ފުރުސަތު ދެވޭތޯ އެބަލަ ބަލަން،" އޭނާ ވިދާޅުވި އެވެ.

ކޭޕާކް ސައިޓްގައި މަސައްކަތް ކުރާ ގޮތާއި މޮކަޕް އެޕާޓްމަންޓްގައި މިހާރު ހިންގަމުންދާ މަސައްކްތަައް ވެސް ވަނީ ދައްކާލައިފަ އެވެ.

ޓާގެޓަކީ އަންނަ މާޗް މަހުގެ ނިޔަލަށް މުޅި އިމާރާތުގެ މަސައްކަތް ނިންމައި އަތް ދޫކޮށްލުމެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ކުރިމަތީގައި ހަދާ ކޭ ޕާކް ރެސިޑެންސްގެ އެޕާޓްމަންޓްތަކުގެ އެތެރެ ނިންމުމުގެ މަސައްކަތް ހުކުރު ދުވަހު ކުރަނީ. ފޮޓޯ: ހަމްބޯ

"ކޭޕާކްގެ މަސައްކަތް ފަށައި ވަނީ ހަލުއިކޮށްފައި. ޕްރޮޖެކްޓަށް ބޭނުންވާ ތަކެތީގެ 80 ޕަސެންޓް ވަނީ ސައިޓަށް ޖާމަކޮށްފައި, އަމާޒަކީ އަންނަ މާޗު މަހަށް ނިންމާލުން،" ނަޝީދު ވިދާޅުވި އެވެ.

އެތަނުގައި މިހާރު މަސައްކަތްކުރަމުން އަންނަނީ ކޮމާޝަލް ދެ ފްލޯއިން މަތީގައި ހުރި ފްލޯތަކުގެ މަސައްކަތެވެ. އެ ގޮތުން ފުރަތަމަ ތިން ފްލޯގެ ފިނިޝިން މަސައްކަތް މިދިއަ ދެތިން ދުވަހުގެ ތެރޭގައި ވެސް ވަރަށް ހަލުއިކޮށް ކޮށް މިހާރު ވަނީ ގާތްގަނޑަކަށް ނިމުމަކާ ހަމައަށް ގޮސްފަ އެވެ. ގިނަ އެޕާޓްމަންޓްތަކުގެ ތަޅުމުގައި ވަނީ ޓައިލްސް ޖަހައިފަ އެވެ. އަދި އެޕާޓްމަންޓްގެ ސިމެންތި ޖެހުމާއި ފާޚާނާތަކުގެ މަސައްކަތް ވެސް ބާރު ސްޕީޑްގައި ކުރިޔަށް އެބަ ގެންދެ އެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ކުރިމަތީގައި ހަދާ ކޭ ޕާކް ރެސިޑެންސްގެ އެޕާޓްމަންޓްތަކުގެ އެތެރެ ނިންމުމުގެ މަސައްކަތް ހުކުރު ދުވަހު ކުރަނީ. ފޮޓޯ: ހަމްބޯ

ކޭޕާކް ނިންމަން ހިފާފައިވާއިރު ހުރިހާ އެޕާޓްމަންޓްތަކެއް ވެސް ހުރީ ރިޒާވްގަ އެވެ. ލަގްޒަރީ އެޕާޓްމެންޓް ވިއްކަން 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފުރުސަތު ހުޅުވާލި ކޭޕާކަކީ ވަރަށް ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވާ ބިލްޑިންގަކަށްވެފައި ވަނީ ރާއްޖެ އަންނަ ކޮރެއަން ލަގްޒަރީގެ އެފަދަ ފުރަތަމަ ބިލްޑިންގަށް ވާތީ އެވެ.

ކޭޕާކްގެ ހާއްސަ ބައެއް ސިފަ

  • ޓެރަސްގައި ސްވިމިން ޕޫލާއެކު އިވެންޓް ސްޕޭސް
  • ޑޭ ކެއާ ސެންޓަރުތަކާއި ޖިމްތައް ހުންނާނެ
  • ކޮރެއަން ސްޓައިލްގެ ފްރެންޗައިސް ރެސްޓޯރެންޓެއް
  • އެޕާޓްމަންޓެއްގެ އަގު ތިން މިލިއަނާއި ހަ މިލިއަނާ ދެމެދު
  • ބީއެމްއެލް މެދުވެރިކޮށް ފައިސާ ދެއްކޭނެ
  • އެޕާޓްމެންޓްތައް ހުންނާނީ އިންޝުއަރެންސް ކޮށްފައި
  • އެޕާޓްމަންޓްތައް ސެމީ ފާނިޝްކޮށްފައި
  • އެޕާޓްމަންޓްގައި ކޮރެއާގެ ބްރޭންޑްތައް
  • އިމާރާތް ދިއްލުމަށާއި ލިފްޓް ބޭނުން ކުރަން ސޯލާ ހަކަތަ
  • ފަސް ލިފްޓް ހުންނައިރު ސްޓްރެޗާ ލިފްޓެއް ހިމެނޭ
  • ޓައިލްސް އާއި ބިއްލޫރި މޫސުމާ އެއްގޮތަށް ފިނިހޫނު މިން ހިފަހައްޓާނެ

ސާދަ ބުރީގެ އިމާރާތުގައި 110 އެޕާޓްމަންޓް ހުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ކޭޕާކް ރެސިޑެންސް ބިލްޑިން ހިމެނޭ ބިމަކީ 21،000 އަކަފޫޓްގެ ބިމެކެވެ. އެ ބިލްޑިންގުގައި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގަ އެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިން އަށް ހާއްސަ ކޮށްފައިވާއިރު ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި އޮންނާނީ ކޮމާޝަލް ބޭނުންތަކަށެވެ.