ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކަރު ބުރިކޮށްލަން ޖެހޭ ކަމަށް ސޯޝަލް މީޑިއާގައި އެމްޑީޕީގެ އެކްޓިވިސްޓަކު ގޮވާލާފައިވާއިރު، ފުލުހުން އެއީ މާބޮޑު ކަމަކަށް ނެހެދި އެވެ.

ރައީސް ޔާމީންގެ ކަރު ބުރިކޮށްލަން ގޮވާލި މައްސަލަ ނުބަލާއިރު، ޗެނަލް13 ގެ ލައިވް ކަވަރޭޖެއްގައި ފޯނުން ގުޅި މީހަކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ގައިގައި އަލިފާން ރޯކުރަން ޖެހޭ ކަމަށް ބުނެފައިވާތީ، އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީން އަންނަނީ ތުހުމަތު ކުރަމުންނެވެ. ރައީސް ޔާމީނުގެ ކަރު ބުރިކޮށްލަން ގޮވާލި މައްސަލަ ނުބަލަނީ އެކަން ކުރީ އެމްޑީޕީގެ އެކްޓިވިސްޓަކަށް ވުމުން ކަމަށް ބެލެވެ އެވެ.

ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ދައުލަތުގެ މުއައްސަސާތަކަށް ވަނީ ސިޔާސީ ނުފޫޒު ވަދެފައި ކަމަށާއި އެމްޑީޕީގެ ވެރިކަމެއްގައި އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ބަހާއި އަމަލު ދިމާނުވާ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ފާހަގަ ކުރަމުންނެވެ.

ރައީސް ޔާމީންގެ ކަރު ބުރިކޮށްލަން ގޮވާލި މައްސަލަ ނުބަލާތީ ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ.