އައްޑޫގެ ފުލުހުން ޕެޓްރޯލުކުރަން ބޭނުންކުރާ އުޅަނދުތަކަށް ތެޔޮ ނޭޅި ޕެޓްރޯލުކުރުން ހުއްޓިފައިވާކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫގައި ތެޔޮ ފޯރުކޮށްދޭ ކުންފުންޏެއް ކަމުގައިވާ ސިޓީ ފިއުލް ކުންފުންޏަށް 2020 ވަނަ އަހަރު ފުލުހުންގެ ވެހިކަލްތަކަށް އަޅައިދިން ތެލުގެ އަގަށްވާ 579،000 ރުފިޔާ ވަނީ ނުދައްކަ އެވެ. އެ ފައިސާ ދެއްކުމަށް ތަކުރާރުކޮށް އެދުމުންވެސް ފުލުހުންގެ އިދާރާއިން އެ ފައިސާ ދައްކާފައިނުވާތީ ފުލުހުންގެ އުޅަނދުތަކަށް ތެޔޮ އަޅައިދިނުން ހުއްޓައިލާފައިވާ ކަމަށް އިތުބާރު ހުރި މަސްދަރަކުން ހާމަކުރެ އެވެ.

މިކަމާގުޅިގެން އައްޑޫ ސިޓީގެ ރައްޔިތުންދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ރައްޔިތުން ބުނަމުންދަނީ އައްޑޫ ސިޓީގައި ކުށްތަކާއި މާރާމާރީ އިތުރުވެފައިވާ ކަމަށާއި މިފަދަ ކަންކަމަށް ފުލުހުންނަށް އެޓެންޑްވެވެނީ ލަހުން ކަމަށެވެ. އަދި މިކަމުގެ ސަަބަބުން ރައްޔިތުން ބިރުވެރިކަމުގެ ތެރެއަށް ވެއްޓި މުޖްތަމައުގެ އަމަން އަމާންކަން ގެއްލިފައިވާ ކަމަށެވެ.

މިވާހަކަތައް ފެންމަތިވެފައިވާއިރު އައްޑޫ ސިޓީގައި ރޭ ހިންގި މާރާމާރީއެއްގައި އަނިޔާވި ދެ ޒުވާނުންގެ ތެރެއިން އެކަކު މިއަދު ވަނީ ނިޔާވެފަ އެވެ. އެ މާރާމާރީތައް ފެށުނު ރޭ އެންމެ ފުރަތަމަ ކުރިއަށްދިޔަ ތަނަށްވެސް ފުލުހުންނަށް ހާޒިރުނުވެވުނީ ފުލުހުންގެ ވެހިކަލްތަކަށް ޕެޓްރޯލު ނޭޅިގެން ކަމަށް އައްޑޫ ސިޓީގެ މީހަކު ބުންޏެވެ. ރޭ ހިނގި މާރާމާރީގައި ނިޔާވި ޒުވާނާއަށް ކަތިވަޅިންނާއި ވަޅިން ހަމަލާދީފައިވެ އެވެ.

ނަމަވެސް ފުލުހުން ބުނަނީ ތެޔޮ ލިބުމުގައި ދަތިކަމެއް ނެތް ކަމަށެވެ.