އެމެރިކާއަށް ގޮންޖަހައި ވަރުގަދަ އިންޒާރުތަކެއް ދިނުމަށްފަހު، އެއްފަހަރާ ދެ މިސައިލް ފޮނުވާލެވޭ އާ މިސައިލް ލޯންޗަރެއް އީރާނުން ދައްކާލައިފި އެވެ.
އީރާނުގެ ދައުލަތުގެ ޓީވީން ހޮނިހިރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއީ ލިކުއިޑް ޕްރޮޕެލަންޓް ބޭނުންކޮށްގެން ދަތުރުކުރާ ދެ މިސައިލް އެއްފަހަރާ ފޮނުވާލުމުގެ ގާބިލުކަން ލިބިފައިވާ މިފަދަ ލޯންޗަރެއް އެ ގައުމުން ދައްކާލި ފުރަތަމަ ފަހަރެވެ.
ދައުލަތުގެ ޓީވީން ވަނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) ގެ ވެރިޔާ އަހުމަދު ވަހީދީ އަދި އެ ފައުޖުގެ އެއަރޯސްޕޭސް ބާރުތަކުގެ ވެރިޔާ މަޖީދު މޫސަވީ، ބިމު އަޑީގައި ގާއިމުކޮށްފައިވާ މިސައިލް ބޭސްއެއް ބައްލަވާލައްވަން ވަޑައިގެންނެވި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުކޮށްފަ އެވެ. މި ވީޑިއޯގައި ފެންނަނީ ގިނަ އަދަދެއްގެ މިސައިލާއި ލޯންޗަރު އަދި އަސްކަރީ އެހެނިހެން ސާމާނުތައް ބަހައްޓާފައިވާ ދިގު ޓަނަލްތަކެއްގެ ތެރެއިން މި ދެ ކޮމާންޑަރުން އުޅަނދެއްގައި ދަތުރުކުރައްވާ މަންޒަރެވެ.
އައިއާރުޖީސީގެ ވެރިޔާ ވަހީދީ ވިދާޅުވީ، ދުޝްމަނުންނަށް ލިބެމުންދާ ގެއްލުންތަކަކީ އަދި ފެށުމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެމީހުން ބަލިވެ ނިކަމެތިވާ މަންޒަރު ފެންނާނެ ކަމަށެވެ. އަދި ވޭތުވެދިޔަ ދެ ހަނގުރާމައިގެ ތެރޭގައި އީރާނުގެ އަސްކަރީ ގާބިލުކަން އިތުރުވެފައިވާ ކަމަށާއި، އެ ގައުމުގެ ޒަމާނީ ހަތިޔާރުތަކުން ދުޝްމަނުން ބިރުގަންނަވާލެވޭނެ ކަމަށް މޫސަވީވެސް ވަނީ ފާހަގަކުރައްވާފަ އެވެ.
އީރާނުން މި އާ ހަތިޔާރު ދައްކާލާފައި މިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ވަރުގަދަ ހަނގުރާމައަށް މަސްތަކެއް ވެފައިވަނިކޮށެވެ. މި ހަނގުރާމަ ފެށިގެން ދިޔައީ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލު ގުޅިގެން ދިން ހަމަލާތަކެއްގައި އީރާނުގެ ލީޑަރު އަލީ ހާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެންނެވެ. އެ ހަމަލާގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ސަރަހައްދުގެ އެކި ގައުމުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވާލާފައިވާއިރު، ލުބުނާން، ޔަމަން އަދި އިރާގުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތްތަކުންވެސް ވަނީ މި ހަނގުރާމައިގެ ތެރެއަށް ވަދެފަ އެވެ.
މި ހަނގުރާމައިގެ އެންމެ ވަރުގަދަ ދަނޑިވަޅުގައި އެމެރިކާ އާއި އިޒްރޭލުން ވަނީ އީރާނުގެ މިސައިލް އުފައްދާ މަރުކަޒުތަކަށާއި ނިއުކްލިއާ ސައިޓްތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. ނަމަވެސް އެ ހަމަލާތަކުގައި ލިބުނު ގެއްލުމުގެ ހަގީގީ މިންވަރު އަދިވެސް ސާފެއް ނުވެ އެވެ.
މި ހިނގާ މަހުގެ ކުރީކޮޅުވެސް އީރާނުން ވަނީ ބެލިސްޓިކް އަދި ކްރޫޒް މިސައިލްތަކާއި ލޯންޗަރުތައް ރައްކާކޮށްފައިވާ ބިމު އަޑީގެ އާ މަރުކަޒެއް އާންމުކޮށް ދައްކާލާފަ އެވެ.
ލޯނު ލިބޭ އެންމެ މަތީ އުމުރު 75 އަހަރަށް ވުރެ މަތިކުރަން އެދިއްޖެ