ހޮނިހިރު ދުވަހަށް އިރުއަރައިގެން އައީ މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންގް އާއި ފިރިމީހާ ހަރްޝް ދިރިއުޅޭ ގެއިން ޑްރަގް ފެނުނު ކަމުގެ ކުއްލި ހަބަރާއެކުގަ އެވެ.

ސުޝާންތް ސިންގް ރާޖްޕުޓްގެ މަރާއެކު ފެށިގެން ދިޔަ ތަހުގީގުގެ ތެރެއިން ބޮލީވުޑްގެ ޑްރަގް މައްސަލަގަނޑު ފެންމަތިވެ، އިންޑިއާގެ ނާކޯޓިކްސް ކޮންޓްރޯލް ބިއުރޯއިން ވަނީ ބޮލީވުޑްގެ ގިނަ ތަރިންގެ ގެތައް ބަލާ ފާސްކޮށް ގިނަ ތަރިންނާ ސުވާލުކޮށްފަ އެވެ.

އޭގެ ތެރެއިން ބާރްތީ ދިރިއުޅޭ ގެ ބަލާ ފާސްކުރުމުގެ ތެރޭގައި ޑްރަގް ފެނި، ބާރްތީގެ ދެމަފިރިން ވަނީ ސުވާލުކުރުމަށް އެންސީބީއަށް ހާޒިރުކޮށްފަ އެވެ.

އެންސީބީގެ ޒޯނަލް ޑިރެކްޓަރ ސަމީރު ވަންކެޑޭ ބުނެފައިވާ ގޮތުގައި ބާރްތީ އާއި އޭނާގެ ފިރިމީހާ ހާޒިރުކޮށް ސުވާލުކުރަމުންދަނީ މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ތުހުމަތުގަ އެވެ.

މީގެ އިތުރުން އެންސީބިއިން ހާމަކޮށްފައިވާ ގޮތުގައި އެގެއިން ފެނިފައިވަނީ 86.5 ގްރާމްގެ ކެނަބިސް އެވެ.

ބާރްތީގެ އިތުރުން މީގެ ކުރިން ދީޕިކާ ޕާޑުކޯން، ރަކުލް ޕްރީތް، ރިއާ ޗަކްރަބޯޓީ، ސާރާ އަލީ ހާން އަދި ޝްރައްދާ ކަޕޫރު އާއި ވެސް އެންސީބީ އިން ވަނީ ސުވާލުކޮށްފަ އެވެ. އަދި މިދިޔަ ހަފްތާގެ ތެރޭގައި އަރްޖުން ރާމްޕަލް ދިރިއުޅޭ ގެ ބަލާ ފާސްކޮށް، އެގެއިން ވެސް ޑްރަގް ހޯދާފައިވެ އެވެ.