މިއީ އެމަނިކުފާނުގެ ވެރިކަމެއް ނަމަ ޗައިނާއިން ތިލަމާލެ ބްރިޖް ހިލޭ އަޅައިދޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ސިނަލާމެ ބްރިޖަކީ ދައުލަތަށް އޮތް ބުރައެއް ނޫން ކަމަށެވެ. ނަމަވެސް ތިލަމާލެ ބްރިޖަކީ ދައުލަތަށް އޮތް ވަރަށް ބޮޑު ބުރައެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޔާމީން ވިދާޅުވިގޮތުގައި ޗައިނާގެ އެހީގައި އެޅި ސިނަމާލެ ބްރިޖަށް ޚަރަދުވީ 210 މިލިއަން ޑޮލަރެވެ. އޭގެތެރެއިން ދައުލަތުން އަނބުރާ ދޭންޖެހެނީ އެންމެ 68 މިލިއަން ޑޮލު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންނަމަވެސް އަވަށްޓެރި އިންޑިއާގެ އެހީގައި އަޅަން އުޅޭ ތިލަމާލެ ބްރިޖްގެ އަގު 500 މިލިއަން ޑޮލަރަށް ވުރެ މަތިވާއިރު، އޭގެ ތެރެއިން 400 މިލިއަން ޑޮލަރު ދިވެހި ސަރުކާރުން އަނބުރާ ދައްކަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ޗައިނާގެ ޕްރެޒިޑެންޓް ޝީ ޖިންޕިންގެ އޮތީ ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވުނު ނަމަ ހިލޭ މި ބްރިޖް ދޭން ބުނެފައި،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޗައިނާއާ އެކު ހެދި އެއްވެސް އެއްބަސްވުމެއްގައި ރާއްޖޭގެ މިނިވަންކަން ގެއްލޭ ގޮތަށް އަދި ދައުލަތަށް ގެއްލުންވާ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. ހަމައެހެންމެ އިންޑިއާއާ އެކު އެމަނިކުފާނުގެ ވެރިކަމުގައި ހެދި އެއްބަސްވުންތަކުގައި ވެސް އެ ގައުމުގެ ސިފައިން ރާއްޖޭގައި ތިބެވޭނެ އެއްވެސް މާއްދާއެއް ހިމަނާފައިނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ތުހުމަތު ކުރައްވަނީ މި ސަރުކާރުން އެ އެއްބަސްވުން ތަކަށް ބަދަލު ގެނައި ކަމަށެވެ.