ގަވާއިދުން ކަސްރަތު ކުރި ނަމަވެސް ބަލިވެ އިނުމަށްފަހު އެ އާދަ ދޫކޮށްލާ އަންހެނުން އަހަރުމެންގެ ތެރޭގައި ވަރަށް ގިނަ އެވެ. އެހެން ނަމަވެސް ބަލިވެ އިނުމަކީ ކަސްރަތު ކުރުން ހުއްޓާލަން ޖެހޭ ކަމެއް ނޫނެވެ. ބައެއް ކަންކަމަށް ސަމާލުވެ މާބަނޑު ދުވަސްވަރު ވެސް ކަސްރަތު ކުރުން ކުރިއަށް ގެންދެވިދާނެ އެވެ.
ކަސްރަތު ކުރާއިރު ކައްސާލާފަދަ ނުވަތަ ބެލެންސް ގެއްލިދާނެ ކަހަލަ ކަސްރަތުތަކާ ދުރުވާށެވެ. އެއީ ކިތަންމެ ފަރިތަ ކަމާއެކު ކުރަމުން ދިޔަ ކަމެއް ނަމަވެސް މާބަނޑު ދުވަސްވަރު މިޒާތުގެ ކަސްރަތުތަކުން ދުރުވާން ޖެހޭނެ އެވެ. ސަބަބަކީ ބަލިވެ އިނުމުން ހުޅުތަކަށް ކުރާ ބާރު ބޮޑުވެ ހުޅުން ނެއްޓުމުގެ މައްސަލަތައް ކުރިމަތިވެދާނެތީ އެވެ.
މީގެ އިތުރުން މާބަނޑު ދުވަސްވަރު ކަސްރަތުކުރާއިރު ހަށިގަނޑު ހިފެހެއްޓިފައި ހުންނަ އެހެނަސް ގަޔަށް ދޫ ހެދުމެއް ލުން ރަނގަޅުވާނެ އެވެ. ބޮޑަށް ރަނގަޅީ ކަސްރަތު ކުރާއިރު އެއް ހެދުމަށްވުރެ ގިނަ ހެދުން ލައިގެން ކަސްރަތު ކުރުމެވެ. އެއީ ހަށިގަނޑު ހޫނުވާލެއް އަވަސް ކުރުމަށްޓަކަ އެވެ.
ކަސްރަތު ކުރާއިރު ފަޔަށް ހެއުވަރު ހާއްސަ ބޫޓަކަށް ނުވަތަ ޓެނިހަކަށް އަރައިގެން ކަސްރަތު ކުރާށެވެ. އާއްމުގޮތެއްގައި ބަލިވެއިނުމުގެ ކުރިން ގެންގުޅުނު ބޫޓު ބާރުވުމަކީ އެކަށީގެންވާ ކަމެކެވެ. ވީމާ ހެޔޮވަރު އާބޫޓެއް ހޯދާށެވެ.
ކަސްރަތު ކުރަން ފަށާއިރު ފުރަތަމަ ހަށިގަނޑު ލުއިލުއި ކަސްރަތު ކޮށްގެން ހޫނުކޮށްލާށެވެ. މިގޮތުން ހުޅުތަކާއި މަސްތައް ކަސްރަތަށް ތައްޔާރު ކުރާށެވެ. އަދި ހިތުގެ ހިގުން އެއްފަހަރާ އަވަސްވިޔަ ނުދޭށެވެ. ލަސްލަހުން އަވަސްވާން ފުރުޞަތު ދޭށެވެ. ފުރަތަމަ ހަށިގަނޑު ކަސްރަތަށް ތައްޔާރު ކުރުމުގެ ގޮތުން ލުއިލުއިކޮށް ކުރާ ހަރަކާތްތަކުން މިކަން ކުރެވޭނެ އެވެ. މިއީ ކަސްރަތު ކުރުމުގެ ސަބަބުން ގައިގައި ރިއްސުމާއި މަސްގުޅަ ކެއުން ފަދަ ކަންކަމުން ދުރުކޮށްދޭނެ ކަމެކެވެ.
ބަނޑަށް ފުރަތަމަ ތިންމަހަށްފަހު އުއްޑުން އޮށޯވެ އޮތުމަކީ ރައްކާތެރި ކަމެއް ނޫނެވެ. މިގޮތަށް އޮއްޑުން އޮށޯވެ އޮތުމަކީ ރަހިމާއި ރަހިމުގެ ބަރުދަނުން ހިތަށް ލޭގެންގޮސްދޭ މައިހޮޅިއަށް ފިތިބާރުވެ ހިތަށް ލޭގެންގޮސްދޭ މިންވަރު މަދުކުރާ ކަމެކެވެ. އެހެން ކަމުން އުއްޑުން އޮވެ ކުރާ ކަސްރަތު ތަކުން ވެސް މި ދުވަސްވަރު ދުރުވާން ޖެހެ އެވެ.