ދިވެހިންނަށް މަސްދަޅު އަގުބޮޑުކޮށް ވިއްކުމާ ދެކޮޅަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވާހަކަ ދައްކަވައިިފި އެވެ.

ސައީދު އެހެން ވިދާޅުވީ ސަރުކާރުގެ މަސް ކުންފުނި ކަމަށްވާ މިފްކޯއިން އާދަޔާ ހިލާފަށް މަސް ދަޅު ވިއްކާ އަގު ބޮޑު ކުރުމާ ގުޅިގެންނެވެ.

ސައީދު ކުރެއްވި ޓުވީޓެއްގައި ވަނީ ސަރުކާރުން ދިވެހިންނަށް އަގު ބޮޑުކޮށް މަސްދަޅު ވިއްކުން ހުއްޓާލަން ޖެހޭކަމަށް ވިދާޅުވެފަ އެވެ.

"މި ޙާލަތުގައި، އިމްޕޯޓުކޮށްވިއްކާ ބާވަތްތަކާއި އެއްހަމައެއްގައި ސަރުކާރުން ސަބްސިޑައިޒްކުރާ ބާވަތްތައް ހިމެނުން ދެކޮޅުޖެހޭބާ؟ ސަބްސިޑައިޒްކުރަނީ ރައްޔިތުންގެ ޓެކްސްފައިސާއިން ހިތުހުރި ވަރަކަށް،" ސައީދު ވިދާޅުވެފައިވެ އެވެ.

މިފްކޯއިން މަސްދަޅު ވިއްކާ އަގުތައް ބަދަލުކުރުމާ އެކު ތެޔޮ މަސްދަޅު ކޭހެއްގެ އަގު ވަނީ 590 ރުފިޔާއިން 740 ރުފިޔާއަށް ބަދަލުވެފަ އެވެ. އަދި ފެން މަސްދަޅު ކޭހެއްގެ އަގު ވަނީ 565 އިން 715 ރުފިޔާއަށް އަރާފަ އެވެ.

އޭގެ އިތުރުން މާންދޫ މަސްދަޅުތަކުގެ ތެޔޮ މަސްދަޅު ކޭހެއް މީގެ ކުރިން ލިބެނީ 320 ރުފިޔާއަށެވެ. ނަމަވެސް މަސްދަޅުތަކުގެ އަގަށް ގެނައި ބަދަލާއެކު އެވައްތަރުގެ މަސްދަޅު ކޭހެއް ލިބެނީ 400 ރުފިޔާއަށެވެ. 300 ރުފިޔާއަށް ވިއްކި މާންދޫ ފެން މަސްދަޅު ކޭސް އުޅެނީ 380 އަށެވެ.