ފާއިތުވެ ދިޔަ ހަފުތާއަކީ އިނގިރޭސި ވިލާތުގެ އެއާޕޯޓުތަކަށް ބާރު ބޮޑު ހަފުތާއެކެވެ. ސްކޫލްތަކުގެ ހާފް ޓާމް ބްރޭކާއި ކްއީންސް ޖުބްލީ އެކުވުމުން ލިބުނު ޗުއްޓީގައި އާދަޔާ ޚިލާފު ގިނަ އަދަދެއްގެ މީހުން ހޮލިޑޭއަށް ދާންވުމުން އެއާޕޯޓުތަކަށް ހިފަހައްޓާ ލެވޭވަރު ނުވީ އެވެ. ނަތީޖާއެއްގެ ގޮތުން އެތައް ގަޑިއިރަކަށް ދެމިގެންދިޔަ ކިޔޫތަކަކަށް ފަހު ޓްރެވަލް އެޖެންސީތަކުން އެފަރާތުން އޮޕަރޭޓްކުރާ އެތައް ސަތޭކަ ފްލައިޓެއް ކެންސަލްކުރަން މަޖުބޫރުވި އެވެ.
މި މައްސަލައިގެ ތެރެއަށް ސަރުކާރުން ވަދެ ޓްރެވަލް އެޖެންސީތަކާއި ސަރުކާރާ އެއްބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކުރާ ހިސާބަށް ވެސް ދިޔަ އެވެ. ކޮންމެ ގޮތަކުން އުފެދުނު މައްސަލައަކަށް ވިޔަސް ފްލައިޓްތައް ކެންސަލްވެ، ހޮލިޑޭއަށް ދާންއުޅުނު އެތައް ބަޔަކަށް ދެވޭ ގޮތް ނުވީ އެއާޕޯޓުގައި އެފަރާތްތަކަށް ޚިދުމަތް ދޭން ބޭނުންވާ ވަރަށް މުވައްޒަފުން ނެތުމުންނެވެ.
ކޮވިޑާ ހެދި އެއާލައިންތަކާއި އެއާޕޯޓުގެ ވެސް ގިނަ މުއައްޒަފުންތަކެއް ދޫކޮށްލާފައިވާއިރު އެ ދޫކުރި ވަރާ ގާތަށް ވެސް އަލުން މުވައްޒަފުން ނަގާފައެއް ނުވެ އެވެ. އެ މައްސަލަ ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އެއާލައިންތަކާއި ޓްރެވަލް އެޖެންސީތަކުން އިތުރު މުވައްޒަފުން ނަގަން ބޭނުން ނުވަނީ ޓްރެވަލް އިންޑަސްޓްރީއަށް މިވަގުތު އަރައިގެން އުޅޭ ބާރަކީ ވަގުތީ ކަމެއްކަން އެ މީހުނަށް އެނގޭތީ އެވެ.
ކުރިޔަށް އޮތީ ބަނަ ދުވަސްތަކެއްކަން ގާތްގަނޑަކަށް ޔަގީންވާތީ އިތުރު އިންވެސްޓްމެންޓްތައް މިދުވަސްވަރު ކޮށް ރިސްކު ނަގަން އެ ފަރާތްތަކުން ބޭނުން ނުވުމެވެ. މިވަގުތު ހޮލިޑޭއަށްދާ ގިނަ މީހުންނަކީ ފާއިތުވެދިޔަ ދެތިން އަހަރުއްސުރެ ރާވައި ނުދެވިފައިވާ ދަތުރުތަކުގައި ދާން އުޅޭ މީހުންނެވެ. އެހެނަސް މިވަގުތު ދުނިޔޭގެ އިގުތިސާދަށް އަންނަމުންދާ ހީނަރުކަމާއެކު ކުރިޔަށް އޮތީ ޓޫރިޒަމްގެ ވިޔަފާރިޔަށް ބަނަ ދުވަސްވަރެއްކަން އެ ދާއިރާގެ އިސްވެރިންނަށް ޔަގީނެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް ކުރިޔަށް އޮތީ ބަނަ ދުވަސްތަކެއްކަމުގައި އެ އިންޑަސްޓްރީގެ ގިނަބަޔަކު ގަބޫލުކޮށް އެކަމާމެދު ފިޔަވަޅު އަޅަމުންދާ ދަނޑިވަޅެއްގައި ރާއްޖޭގެ އިގުތިސާދަށް އެކަމުގެ ނުރައްކާ އޮތް ކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން އަންނަނީ އިންޒާރު ދެމުންނެވެ. އޭގެ ތެރެއިން އެންމެ ސާފު ސީދާ ބަހުން އެ ވާހަކަ ކިޔާދީފައި ވަނީ ފައިނޭންޝަލް ދާއިރާގައި ދުނިޔޭގެ އެންމެ ފުންނާބު އުސްފަރާތް ކަމުގައިވާ ޖޭޕީ މޯގަން އެވެ.
ޖޭޕީ މޯގަންގެ ދިވެހި ރާއްޖެއާ ބެހޭ ރިޕޯޓުގައިވާގޮތުން ކުރިޔަށް އޮތް 2023 ނިމޭއިރު ރާއްޖޭގެ ރިޒާވް ހުސްވުމުގެ ބިރު އެބަ އޮތެވެ. މި ރިޕޯޓް ދިވެހި ރާއްޖޭގެ މީޑިއާގައި ވައިގައި ހިފުމާއެކު ސަރުކާރުން އަވަސް ވެގަތީ އެކަން އެގޮތަށް ނުވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ބުނެ ދިނުމަށެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިދިޔަ ހަފުތާގައި ބައެއް ނޫސްވެރިންނާ ބައްދަލުކުރައްވައި ޔަގީންކޮށް ދެވޭތޯ ބެއްލެވީ ދިވެހި ސަރުކާރަށް ފައިސާގެ ދަތިކަމެއް ނެތްކަމުގެ އެވެ. ދަރަނިތައް އަދާކުރެވޭނެ ގާބިލުކަން އެބަހުރިކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފިނޭންސް މިނިސްޓަރު ރޭ ކުރެއްވި ޓުވީޓެއްގައި ވެސް ވިދާޅުވީ އިތުރުވަމުން އަންނަ ޑޮލަރުގެ އާމްދަނީއާއެކު ރަސްމީ ރިޒާވް މި އަހަރު ނިމޭއިރު ޕްރީ-ކޮވިޑް ލެވެލްގައި ދެމެހެއްޓޭނެ ކަމަށެވެ.
"ރާއްޖެއަށް ދަރަނި އަނބުރާ ދެއްކުމުގައި ކުރު މުއްދަތުގެ ގޮންޖެހުންތަކެއް ނެތް. ދަރަނި ދެއްކުމުގެ ޤާބިލުކަން އެބަހުރި. މި އަހަރު ރިޒާވް ހުންނާނީ ރަނގަޅު މިންވަރެއްގައި،" ތަފާސްހިސާބުތަކާ ހަވާލާދެއްވައި އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ ދުނިޔޭގެ އިގްތިސާދަށް އަންނަ ނުތަނަވަސްވުންތަކާއި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ދިއުމުގެ އަސަރު ރާއްޖެއަށް ވެސް ކުރާނެ ކަމަށެވެ. މިފަދަ ރިސްކުތަކުން އަރައިގަނެވޭނީ ރަނގަޅު ދަނޑިވަޅުގައި އެކަށީގެންވާ ފިޔަވަޅުތައް އަޅައިގެން ކަމަށާއި ސަރުކާރުން ދަނީ ހާލަތު މޮނިޓަރކޮށް ފިޔަވަޅު އަޅަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ހަމަ އެ ދަނޑިވަޅުގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމްގެ އިންޒާރު ސަރުކާރަށް އަމާޒުވި އެވެ. ކުރިޔަށް އޮތް އިންތިޚާބާ ދިމާކޮށް ދިވެހި މިލިޔަނަރުންގެ ރިސޯޓުތަކުގެ ކުލި ކުޑަކުރަން ސަރުކާރުން ކުރިޔަށް ގެންދިޔަ ހަރަކާތް ހުއްޓާލަން އޭނާ އެދި ވަޑައިގެންނެވި އެވެ. އެއާ ވިދިގެން ދެން އިވިގެން ދިޔައީ ރާއްޖޭގެ މައި ބޭންކު، ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާގެ އިންޒާރެވެ. ކުރިޔަށް އޮތީ އިގްތިސާދީ ގޮތުން ދަތި ދުވަސްވަރަކަށް ވާނެކަމުގައި ވިދާޅުވެ ފާއިތު ވެދިޔަ އަހަރުގެ ފައިދާގެ ވާހަކަ ހިއްސާކުރެއްވުމަށްފަހު މާގިނަ އިރުތަކެއް ނުވެ އިވުނީ އޭނާ މަގާމު ދޫކޮށްލައްވަން ނިންމެވިކަމުގެ ވާހަކަ އެވެ. އޭގެ ފަހަތު އޮތީ ކޮން ސަބަބެއް ކަމެއް ނޭނގެ އެވެ.
ތަޖުރިބާކާރުންގެ އިންޒާރުތަކާ ނަސޭހަތް ދިވެހި ސަރުކާރަށް ލިބެމުން ދިޔަކަމުގައި ވިޔަސް ފެންނަން އޮތް ހަގީގަތަކީ ކުރިޔަށް އޮތް ދުވަސްތަކަކީ ސަރުކާރަށް ޚަރަދު ކުޑަކުރެވެން އޮތް ދުވަސްތަކެއް ނޫން ކަމެވެ. 2023ގެ ރިޔާސީ އިންތިޚާބު ބޯމަތިވެފައި އޮތްއިރު ސަރުކާރުގެ ޚަރަދު ކުރިޔަށް އޮތް އަހަރު އެތައް ގުނައަކުން އިތުރުކުރަން ޖެހޭނެ ކަމެވެ. މިކަމަށްޓަކައި ބޭނުން ވަރަކަށް ފައިސާ ޗާޕްކުރުމުގެ ހުއްދަ ވެސް ރައްޔިތުންގެ މަޖިލީހުން ދިވެހި ސަރުކާރަށް އޮތީ ދީފަ އެވެ.
ގައުމުގެ އިގްތިސާދީ ހާލަތާ ގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާތީ ރައީސް އޮފީސް ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން ވެސް އެކަމަށް ޖާވާބުދެއްވައިފަ އެވެ.
ޓުވިޓާގައި ހަމްދާން ރޭ ވިދާޅުވީ "މިއަށްވުރެ މާ ދަތި އުނދަގޫ ދުވަސްތަކެއް އަޅުގަނޑުމެން ކަޑައްތު ކޮށްފިން" ކަމަށެވެ. އަދި ހަރުދަނާ ފިސްކަލް/ އިގްތިސާދީ ސިޔާސަތުތަކާއެކު ރާއްޖޭގެ އިގްތިސާދީ ދުވެލި ބާރުވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދުނިޔޭގެ އިގްތިސާދަށް އަންނަ ލޮޅުންތަކުގެ ސަބަބުން ރާއްޖެއަށް ހުރި ރިސްކްތައް ކުޑަކުރުމަށް އަންނަނީ ފިޔަވަޅުތައް އަޅަމުން،" ހަމްދާން ވިދާޅުވި އެވެ.
ފާއިތު ވެދިޔަތަނަށް ބަލާއިރު ކޮންމެ ސަރުކާރަކުން ވެސް ކެމްޕޭން އަހަރާ ދިމާކޮށް އާދަޔާ ޚިލާފަށް ސަރުކާރުގެ ޚަރަދު ބޮޑުކުރެ އެވެ. މުޅި އަހަރު ވެސް އޮންނާނީ މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމާ އާ މަޝްރޫއުތަކުގެ ބިންގާ އެޅުމާ އާ ވައުދުތައްވުން ފަދަ ކަންކަމެވެ. މި ސަރުކާރުން ވެސް އެ ހަރަކާތް މިހާރު ވަނީ ފަށައިފަ އެވެ. މިދިޔަ ހަފުތާގައި އއ. އުކުޅަހުގައި ބޭއްވި މަހާސިންތާއަކީ އޭގެ ފެށުން ކަމުގައިވެދާނެ އެވެ. މިފަދަ އެތައް އީދެއް ކުރިޔަށް އޮތް އަހަރު އޮންނާނެ އެވެ.
2023 އަށް ސަރުކާރު ކުރިމަތިލާއިރު ރައީސް އިބުރާހިމް މުހައްމަދު ސޯލިހަށް ރިބަން ފަށް ކަނޑައިލާން މާބޮޑު ޕްރްޖެކްޓެއް އަދި ފެންނާކަށް ނެތެވެ. ސަރުކާރުގެ އެންމެ ބޮޑު ވައުދަކަށް ވެފައި އޮތީ އަދި މިހާތަނަށް އެއްވެސް ދިރުމެއް ނެތް ފަޅުތަކެއްގެ މެދުން ދަމައިލާން އިންޑިއާ ސާރުކާރުގެ ބެލުމުގެ ދަށުން އަޅަން ރާވާފައިވާ ތިލަ މާލޭ ބުރިޖެވެ.
މި ބްރިޖްގެ ދަރަނި 500 މިލިއަން ޑޮލަރާ ގާތްކުރި ކަމުގައި ވިޔަސް ބްރިޖް ނިމެން އޮތީ 2023ގެ އިލެކްޝަނަށް ވުރެ މާފަހުންނެވެ. އެހެންކަމުން ސަރުކާރުން މިވަގުތު ހިފާފައި ވަނީ މަދު އާބާދީއެއް ދިރިއުޅެމުން ގެންދާ ވިލިނގިއްޔާއި މާލެ ގުޅުވައިލާ ބްރިޖު އިންތިޚާބުގެ ކުރިން ނިންމާ ލެވޭތޯ އެވެ. މި މަސައްކަތާ ހަވާލުވެފައިވާ އިންޑިޔާގެ އެފްކޮންސް އިން ވަނީ އެ ބްރިޖުގެ މަސައްކަތް އަންނަ އަހަރު ޖުލައި މަހަށް ނިންމާނެ ކަމުގެ ޔަގީންކަން އިންޑިޔާ ސަރުކާރު ޕްރޮމޯޓުކުރުވުމަށް އިންޑިޔާ ސަރުކާރުގެ ޚަރަދުގައި އެ ގައުމަށް ގެންދިޔަ ނޫސްވެރިންގެ ކުރިމަތީގައި އިއުލާން ކޮށްފަ އެވެ. ނަމަވެސް އެކަމަށް ސަރުކާރުން އިތުރު ފައިސާ ދޭން ޖެހެ އެވެ. އެއީ މަސައްކަތް އަވަސްކޮށް އަންނަ ޖުލައި މަހު ހުޅުވާ ގޮތަށް ވިލިނގިއްޔާ މާލެ ގުޅުވާލުމަށްޓާކައި ދޭން ޖެހޭ އިތުރު 26 މިލިޔަން ޑޮލަރެވެ. އެއީ މަޝްރޫއުގެ އަގު ކަމަށްވާ 600 މިލިޔަން ޑޮލަރާ ގާތްކުރާ މިންވަރުގެ އިތުރުން މިވަގުތު ސަރުކާރުން ދައްކަން ޖެހޭ މިންވަރެވެ.
އަމިއްލަ ކާރު ފަދަތަކެތި ދުއްވުން މަނާ ވިލިނގިއްޔާ މާލެއާ ދެމެދު ދައުލަތަށް ނުދެއްކޭ މިންވަރަށް ލޯނު ނަގައިގެން ބްރިޖެއް އެޅުމުގެ ބޭނުމަކީ ކޮބައިތޯ އެކަމާ ކަންބޮޑުވާ ފަރާތްތަކުން އަންނަނީ ސުވާލު ކުރަމުންނެވެ. އެކަމަކު އެ ސުވާލުތަކަށް ސަރުކާރުން ބީރު ކަންފަތެއް ދެމުން 2023 އަށް ހުޅުވައިލެވިފައިވާ ބަޖެޓަކާއެކު ޚަރަދުތައް ވަނީ މެކުހަށް ޖަހާފަ އެވެ.
ހަގީގަތަކީ އިންތިހާބު ބާއްވާ އަހަރަކީ ކޮންމެ ސަރުކާރެއްގެ އެންމެ ހަރަދު ބޮޑު އަހަރަށްވާނެ ކަމެވެ. އެގޮތުން ކުރިޔަށް އޮތް އަހަރަކީ މި ސަރުކާރުގެ ވެސް "ޕްލެޖް" ތަކާއި "ވައުދު"ތައް އޮހޭނެ އަހަރެކެވެ. ގައުމުގެ އެކި ހިސާބުތަކުގައި ކަޑަ ޖަހައި، ރޯނު ދަމާލެވޭނެ އަހަރެކެވެ. ޖޭޕީ މޯގަން ފަދަ ފައިނޭންޝަލް އިދާރާތަކުންދޭ އިންޒާރަށް ބަލައިގެން ސަރުކާރަކަށްވާކަށް ނޯންނާނެ އެވެ. ކުރިޔަށް އޮތް އަހަރު ދައުލަތުގެ ޚަޒާނާ ހުޅުވައިލައިގެން ކުރާ ކެމްޕެއިނަށް ފަހު އޭގެ އަސަރު ރައްޔިތުންނަށް ކުރާނެ މިންވަރެއް ބުނަން އަދި އަވަހެވެ. އެކަންކަމަށް ވިސްނައިގެން ޚަރަދު ކުޑަކުރެވޭ ވަރަށް ވުރެ 2023، ސަރުކާރަށް މުހިންމެވެ.