މޫސުމް ވަރަށް ބޮޑަށް ގޯސްވެ، ރާއްޖޭގެ ބޮޑު ބަޔަކަށް އޮރެންޖް އެލާޓް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިރޭ ނެރެފި އެވެ.
މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާވިސް އިން ވަނީ މިރޭ 10:30ން ދަންވަރު 2:30 އާ ހަމަޔަށް ބ. އަތޮޅުން އައްޑޫއަށް އޮރެންޖް އެލާޓް ނެރެފަ އެވެ.
މޫސުމާ ބެހޭ އިދާރާ އިން ބުނީ ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.
އެމްއެންޑީއެފް އިން މިރޭ ނެެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވެފައި، މޫސުމާ ބެހޭ ގައުމީ އިދާރާއިން، މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.
ވިއްސާރަވެ، ވައިގަދަވުމާއެކު މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި ހުރި ގަސްތައް މަގު މައްޗަށް ވެއްޓުމުގެ ހާދިސާތައް ހިނގާފައިވެ އެވެ.
ހުޅަނގު މޫސުމުގެ ވިއްސާރައިގެ ބާރުގަދަވެ ކުރިޔަށް އޮތް 24 ގަޑިއިރު ވެސް މޫސުމް ގޯސްވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑުގަދަވެ، ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން މިރޭ ބުނެފައިވެ އެވެ.
އެމްއެންޑީއެފް އިން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ނުރައްކާތެރި ކަނޑުމަތީގެ ތަފާތު ފަސް ހާދިސާއެއްގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވާ ކަމަށެވެ. މީގެ ތެރޭގައި މީހުންގެ ފުރާނައަށް ގެއްލުންވާ ފަދަ ހާދިސާތަކާއި އުޅަނދުފަހަރު އަޑިއަށް ދިއުންފަދަ ހާދިސާތައް ހިނގާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.