މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ އެންމެ ބޮޑު ކޮންޓެއިނާ ބޯޓް ރާއްޖެ އަތުވެއްޖެ އެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި, އެމްއެސްއެސްއިން މިއަދު ރާއްޖެ ގެނެސްފައިވާ "އެމްއެސްއެސް ކްރޮމް" އަކީ ކޮންސްޓްރަކްޝަން ސާމާނު އެތެރެކުރުމަށް ގަނެފައިވާ ބަލްކް ކެރިއާ ބޯޓެކެވެ. އަދި މިއީ މުދަލާއެކު މި ބޯޓު ރާއްޖެއަށް ކުރި ފުރަތަމަ ދަތުރު ވެސްމެ އެވެ.

އެސްޓީއޯއިން ބުނީ 23 ފަޅުވެރިންނާއެކު އެމްއެސްއެސް ކްރޮމްގެ ފުރަތަމަ ދަތުރުގައި 41،500 މެޓްރިކް ޓަނުގެ ހިލައާއި ހިލަވެލި އެތެރެކޮށްފައިވާ ކަމަށެވެ.

ހިލައާއި ހިލަވެއްޔަކީ ރާއްޖެއަށް ގިނަ ޢަދަދަކަށް އެތެރެކުރާ ބާވަތްތައް ކަމަށްވާއިރު، ކްރޮމްގެ ދަތުރުތައް ފެށުމުން ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަށް ގިނަ ކުރިއެރުންތައް ލިބިގެންދާނެކަމަށް އެ ކުންފުނިން ބުންޏެވެ.

މި ބޯޓާއެކު އެމްއެސްއެސްގެ އަމިއްލަ ބޯޓުތަކުގެ އަދަދު ދޭކަށް އިތުރުވާނެ އެވެ. އެއީ އެމްއެސްއެސް ކްރޮމްއާއި އެމްއެސްއެސް ގަލޭނާ އެވެ.

އެމްއެސްއެސްއިން ރާއްޖެ ގެނައި އެންމެ ބޮޑު ބޯޓް

އެމްއެސްއެސްއިން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އެކުންފުނީގެ އަމިއްލަ ބޯޓެއްގައި މުދާ ރާއްޖެއަށް އުފުލަން ފަށާފަ އެވެ.

"އެމްއެސްއެސް ގަލޭނާ" އަކީ 780 ކޮންޓެއިނާގެ ޖާގައާއި 60 ޓަނުގެ ކްރޭން އަދި 60 ފީފާ އުފުލޭވަރުގެ ބޮޑު ބޯޓެކެވެ. މި ބޯޓުގެ މައިގަނޑު ދަތުރުތައް ރޭވިފައި އޮތީ ރާއްޖެ އާއި ލަންކާއާ ދެމެދު އެވެ.

އެމްއެސްއެސްއަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.