ޕީޕީއެމްގެ މެންބަރުން ވަގަށް ނަގަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު (ޝުޖާ) ތުހުމަތުކުރައްވައިފި އެވެ.

ޝުޖާއު މިހެން ވިދާޅުވީ، ވަގަށް މެމްބަރުން އެންމެ ގިނައިން ވައްދާފައިވަނީ ޕީޕީއެމަށް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނުމުންނެވެ.

ރޭ ޕީޕީއެމް އޮފީހުގައި ކުރިއަށް ދިޔަ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވަނީ އަދާލަތު ޕާޓީއަށް 10،000 މެމްބަރުން ވައްދާނެކަން ފާހަގަކުރައްވާފަ އެވެ. އަފި އެމްއެންޕީއަށާއި، ޖުމްހޫރީ ޕާޓީއަށް މެމްބަރުން ވަގަށް ވެއްދުމުގެ މަސައްކަތް ކޮށްފައިވަނީ އެމަނިކުފާނު ކަމަށް ޝުޖާއު ވިދާޅުވި އެވެ.

އިލެކްޝަނުން އެފަދަ ތުހުމަތެއް އެޕާޓީއަށް ކުރުމުން، އެކަމުގެ ތަފްސީލު ހޯދުމަށް އިލެކްޝަނަށް މިހާރު ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އެގޮތުން ވަގަށް އެޕާޓީއަށް ވެއްދި މީހުންގެ ލިސްޓެއް ޕާޓީއަށް ދިނުމަށް އެދިފައިވާނެ ކަމަށާއި، އިލެކްޝަނުން ނިންމާ ކޮންމެ ނިންމުމެއްގެ ފަހަތުގައި ވަނީވެސް ރައީސް ސޯލިހް ކަމަށް އޭނާ ތުހުމަތުކޮށްފައިވެ އެވެ.

"އިލެކްޝަންސް ކޮމިޝަންގެ ހުރިހާ މެންބަރުންގެ ސޯޓު ބާލުވާފައި މިފަހަރު ހުއްޓާލާނީ. އަޅުގަނޑުމެންނަށް އެބަ އެނގޭ ކުރަން އެއުޅޭ ކަންކަން،" ޝުޖާއު ވިދާޅުވި އެވެ.

އިލެކްޝަނުން ވަނީ 2018 ވަނަ އަހަރުން ފެށިގެން ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ވެއްދި މައްސަލަތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި ޕީޕީއެމްގައި ރަޖިސްޓްރީ އޮތުމާއި ގުޅިގެން 391 މީހަކު އިލެކްޝަނަށް ޝަކުވާ ހުށަހަޅާފައިވެ އެވެ. އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގައި ރަޖިސްޓްރީ އޮތުމާއި ގުޅިގެން 213 މައްސަލައެއް އިލެކްޝަނުން އާންމުކޮށްފައިވެ އެވެ.