ގއ. ވިލިނގިލީގައި އަންހެނެއްގެ އަތުގައި ދަތް އެޅުމަށްފަހު އިނގިލިން ބައެއް ބުރިކޮށްލި މީހާގެ މައްޗަށް ދައުވާ ކޮށްފި އެވެ.
މިމައްސަލާގައި ދައުވާ ޕީޖީ އޮފީހުން ދައުވާ ކޮށްފައިވަނީ 31 އަހަރުގެ ގ. ޗެރީ ހައުސް، އަލީ ހަސަންގެ މައްޗަށެވެ.
އޭނާގެ މައްޗަށް ފަސް ދައުވާއެއް ކޮށްފަ އެވެ. އެއީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އާއި ގައިގައި އަތްލުމުގެ ދައުވާއެއްގެ އިތުރުން އަނިޔާއެއް ދިނުމުގެ ތިން ދައުވާއެކެވެ.
އޭނާގެ ބަންދު މުއްދަތު ޖެހުމަށް ކޯޓަށް ޙާޟިރުކުރުމުން ކޯޓުގެ ހުރުމަތް ކެނޑުމާ ގުޅިގެން 150 ދުވަހަށް ޖަލަށްލުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައިވެ އެވެ. އަދި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ވެސް ކޯޓުން އެ ދުވަހު އަމުރުކޮށްފައިވެ އެވެ. ނަމަވެސް ފަހުން ކޯޓުންވަނީ އޭނާ ބަންދުން ދޫކޮށްލާފަ އެވެ.
ކޯޓުން އެމީހާ ދޫކޮށްލުމާގުޅިގެން އެ މައްސަލާގައި އަނިޔާ ލިބުނު މީހާގެ އާއިލާގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވި ސިޓީގެ ޖަވާބުގައި ބުނެފައިވަނީ އަލީ ހަސަންގެ މައްޗަށް ދައުވާކުރުމަށް މިމަހުގެ ހަ ވަނަ ދުވަހު ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.
އަދި އަލީ ހަސަން ޝަރީއަތް ނިމެންދެން ބަންދުކޮށްދެއްވުން އެދި ހުށަހެޅި މައްސަލާގެ އަޑުއެހުން މިމަހުގެ 13 ވަނަ ދުވަހަށް ތާވަލްކޮށްފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުނެ އެވެ.
ގއ. ވިލިނގިލި، ޝާދީވިލާ ގެއަށް ގަދަކަމުން ވަދެ އެ ގޭގައި ތިބި ހަތަރު މީހަކަށް ހަމަލާ ދިނުމުގެ ސަބަބުން އަނިޔާވީ އުމުރުން 60 އަހަރާއި، 39 އަހަރާއި، 31 އަހަރުގެ އަންހެނަކަށާއި އުމުރުން 74 އަހަރުގެ ފިރިހެނަކަށެވެ. ހޮސްޕިޓަލްގައި މި ހަތަރު މީހުންނަށްވެސް ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.