ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ދައުވާގެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލްއާ ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން އަދި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ބައްދަލު ކުރެއްވި ވާހަކަ ޖޭއެސްސީ އިން ދޮގުކޮށްފި އެވެ.
ޖޭއެސްސީން މިކަން ދޮގު ކުރީ ސަންގު ޓީވީ މިރޭ ކުރި ޓުވީޓެއްގައި ވަނީ ޝަކީލު މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ޖޭއެސްސީ ގެންގޮސް ހިސާން އާއި ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި ރިފްއަތާ ބައްދަލު ކުރައްވާފައިވާ ކަމަށް ބުނުމާ ގުޅިގެންނެވެ.
އެ ޓުވީޓާ ގުޅިގެން ޖޭއެސްސީން ކުރި ޓުވީޓެއްގައި ބުނީ ޖޭއެސްސީން މިރޭ ބުނީ ސަންގު ޓީވީގެ ފަރާތުން ކޮށްފައިވާ ޓްވީޓު ދޮގުކުރާ ކަމަށެވެ. އަދި ކޮމިޝަނުގެ އަގުވައްޓާލުމަށް އިތުބާރު ނުހިފޭ ދޮގު ހަބަރު ފަތުރާތީ އެކަން ކުށްވެރި ކުރާ ކަމަށް ވެސް އެ ޓުވީޓުގައިވެ އެވެ. އަދި މި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް ޓުވީޓުގައިވެ އެވެ.
ޖޭއެސްސީން އެކަން ދޮގު ކުރުމާ ގުޅިގެން ސަންގު ޓީވީން ވަނީ އަނެއްކާވެސް ޓުވީޓެއް ކޮށްފަ އެވެ.
އެޓުވީޓުގައިވަނީ ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ގާޒީ ޖޭއެސްސީއަށް ގެންދިޔައީ މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭ 12 ޖަހަން ގާތްވެފައި ވަނިކޮށް ކަމަށެވެ. އަދި ގާޒީ އާއި ބައްދަލުކުރީ ހިސާންއާއި ރިފްއަތު ކަމަށް ތަކުރާރުކޮށް ބުނެފައިވެ އެވެ.