މަންޓާ އެއާއިން ހިންގާ ކެބިން ކްރޫން ތަމްރީނުކުރާ ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
ރާއްޖޭގައި އެންމެ ފެންވަރު ރަނގަޅު ހިދުމަތްދޭ އެއާލައިނުން މިއަދު ބުނީ ކެބިން ކުރޫން ތަމްރީނުކުރުމަށް އަންނަ ޖުލައި މަހު ފަށާ އެ ޕްރޮގްރާމް ކުރިޔަށް ގެންދާނީ ފަސް ހަފުތާގެ މުއްދަތަށް ކަމަށެވެ. އަދި އެ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ މީހުން މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ.
މަންޓާ އެއާއިން ބުނީ އެ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް އެ އެއާލައިނުގައި މަސައްކަތްކުރުމަށް އިސްކަން ދެވޭނެ ކަމަށެވެ.
އެ އެއާލައިނުން ދޭ ޑޮމެސްޓިކް ވައިގެ ދަތުރުފަތުރުގެ ހިދުމަތުގެ ތެރޭގައި ޑޮމެސްޓިކް އެއާޕޯޓުތަކަށް ކުރާ ދަތުރުގެ އިތުރުން ސީ ޕްލޭންގެ ހިދުމަތް ވެސް ފުޅާދާއިރާއެއްގައި ދެމުން ގެންދެ އެވެ.
މަންޓާ އެއާގެ ކެބިން ކްރޫން ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތުތައް:
- 18 އަހަރު ފުރިފައިވުން
- ޖީސީއީ އޯލެވެލްއިން މަދުވެގެން ތިން ސީ ފާސް ލިބިފައިވުން
- އެހީތެރިއަކާ ނުލައި މަދުވެގެން 50 މީޓަރަށް ފަތަން އެނގުން
- މީހުންނާ މުއާމަލާތްކުރުމުގެ ހުނަރު ހުނަރު ލިބިފައިވުން
- އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކޮށް ވާހަކަދައްކަން އެނގުން
މަންޓާއިން ހިންގާ ކޯހުގެ ފީއަކީ 14،000ރ. އެވެ. އޭގެ ތެރޭގައި ޓްރެއިނިންއަށް ބޭނުންވާ ތަކެއްޗާއި ޓިއުޝަން ފީ އަދި އޭވިއޭޝަން މެޑިކަލް އާއި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ވައިގެ ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ޓެސްޓްގެ ފީ އާއި ކެބިން ކްރޫންގެ ލައިސަންސް ފީ ވެސް ހިމެނެ އެވެ.