ފުވައްމުލަކު ހުކުރު މިސްކިތުގެ ގަބުރުސްތާނުގައި ހުރި އެތައް ސަތޭކަ އަހަރުވީ މަހާނަ ގާތަކަކަށް ގެއްލުންދީފި އެވެ.

ނެޝަނަލް ސެންޓަ ފޯ ހެރިޓޭޖްއިން ބުނީ ފުވައްމުލަކު ހުކުރު މިސްކިތު އާސާރީ ގަބުރުސްތާނުގެ ދުވަސްވީ ގާތަކަށް ރޭގެ ވަގުތެއްގައި ބަޔަކު ގެއްލުންދިން މައްސަލަ އެ މަރުކަޒުގެ ސަމާލުކަމަށް އައުމާއި ގުޅިގެން އެމައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިކަމާގުޅޭ އިތުރު މައުލޫމާތު ފޮނުއްވުމަށް ފުވައްމުލަކު ސިޓީ ކައުންސިލްގައި އެދިފައިވާނެ ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ.

ނެޝަނަލް ސެންޓަ ފޯ ހެރިޓޭޖްއިން ބުނީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނުއަކީ ރާއްޖޭގެ ތަރިކައަށް ގާނޫނީ ރައްކާތެރިކަން ހޯދައިދިނުމަށް ހަދާފައިވާ ގާނޫނެއް ކަމަށެވެ. އަދި ތަރިކައަށް ގެއްލުން ދިނުމަކީ ގާނޫނީ ކުށެއް ކަމުގައި މި ގާނޫނުގެ 54ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ.

ފުވައްމުލަކު ހުކުރު މިސްކިތުގެ ގަބުރުސްތާނުގައި ހުރި އެތައް ސަތޭކަ އަހަރުވީ މަހާނަ ގާތަކަކަށް ބަޔަކު ރޭ ގެއްލުންދީފައި. ފޮޓޯ: ފުވައްމުލަކު ސިޓީ ކައުންސިލް

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ އެރަށުގެ އެންމެ ދުވަސްވީ އެއް މިސްކިތް ކަމަށްވާ، މާލެގަމު އަވަށުގައި ހުންނަ ހުކުރު މިސްކިތުގެ ގަބުރުސްތާނުގައި ހުރި ބައެއް މަހާނަ ގާތަކަށް ދީފައިވާ ގެއްލުންތަކާމެދު އެ ކައުންސިލުން ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ.

"މި މި މައްސަލަ ތަހުގީގީ އިދާރާއަށް ހުށަހެޅިފައިވާ ވާހަކަ ވެސް މަޢުލޫމާތަށްޓަކައި ދަންނަވަން. ކާބަފައިންގެ އެތައް ސަތޭކަ އަހަރުވީ އަގުބޮޑު ތަރިކައެއް ލިބިފައިވާ މި ސިޓީ ދިރި ދެމިއޮތުމަށް މި އަގުބޮޑު ތަރިކަ ހިމާޔަތްކުރުމަށް ހަމަ ކޮންމެ ރައްޔިތަކުމެ މަސައްކަތް ކުރުމަށް އިލްތިމާސް ކުރަން. އަދި އެ ފަދަ ކަންކަން ތަކުރާރު ނުކުރުމަށް އިލްތިމާސްކުރަން،" ފުވައްމުލަކު ސިޓީ ކައުންސިލުން ބުންޏެވެ.

ފުވައްމުލަކު ހުކުރު މިސްކިތުގެ ގަބުރުސްތާނުގައި ހުރި އެތައް ސަތޭކަ އަހަރުވީ މަހާނަ ގާތަކަކަށް ބަޔަކު ރޭ ގެއްލުންދީފައި. ފޮޓޯ: ފުވައްމުލަކު ސިޓީ ކައުންސިލް