ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ގިނަވުމާގުޅިގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ރައްކާތެރިކަމުގެ ފިޔަވަޅު ވަރުގަދަކޮށްފި އެވެ.

އެ ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަވަމުން ދިއުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ން އިލްތިމާސްކުރާ ހާލަތަށް ރިއާޔަތްކޮށް، ހޮސްޕިޓަލުގައި ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަމުން ގެންދާކަމަށެވެ.

އެގޮތުން ހޮސްޕިޓަލަށް ވަންނައިރު، ބަލިމީހުންނާއި، އާންމުންގެ ރައްކަލަށްޓަކައި މިއަދުން ފެށިގެން މާސްކު އެޅުމަށް އެ ހޮސްޕިޓަލުން ވަނީ އަންގާފަ އެވެ.

އައިޖީއެމްއެޗުން ވަނީ ކޮވިޑު ފެތުރުން ހުއްޓުވުމަށްޓަކައި އެ ހޮސްޕިޓަލުން އަޅާފައިވާ މި ފިޔަވަޅުތަކަށް އާންމުންގެ ފަރާތުން އެއްބާރުލުމަށް އެދިފަ އެވެ.

ރާއްޖޭގައި ކޮވިޑު ޖެހޭ މީހުންގެ އަދަދު މަދުވުމަށްފަހު އަނެއްކާވެސް ގިނަވަމުންދާކަން ހާމަކޮށް އެޗްޕީއޭއިން އިއްޔެ ވަނީ ބަޔާނެއް ނެރެފަ އެވެ. އަދި ކޮވިޑުން ސަލާމަތް ވުމަށް އަޅަން ޖެހޭ ރައްކާތެރި ފިޔަވަޅުތައް އަޅައި ސަމާލުވުމަށް އެއިދާރާއިން އިލްތިމާސްކޮށްފައިވެ އެވެ.