ހުޅުލެ–ހުޅުމާލޭ ލިންކް ރޯޑްގައި ސޯލާ ޕީވީ ސިސްޓަމް ގާއިމްކުރުމަށް ތައިލެންޑްގެ އެންސިސް ކޯ ލިމިޓެޑާއެކު ސޮއިކޮށްފި އެވެ.
ވޯލްޑް ބޭންކާއި އެނާޖީ މިނިސްޓްރީ ގުޅިގެން ހިންގާ އެކްސެލެރޭޓިންގް ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓްގެ ދަށުން އެ ސިސްޓަމް ހަރުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެވެ. އަދި ތައިލޭންޑްގެ އެންސިސް ކުންފުނިން ފަރާތުން ސޮއިކުރީ އެކުންފުނީގެ އެގްޒެކްޓިވް ޑިރެކްޓަރު ޗުމްޕުލް ޕަޓަނުކުމެވެ.
މި ރަސްމިއްޔާތުގައި އެންސިން ކުންފުނިން ވަނީ ސްޓެލްކޯއާއެކު ޕަވާ ޕާޗޭސް އެގްރީމެންޓްގައި ވެސް ސޮއިކޮށްފަ އެވެ. ސްޓެލްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެވެ.
އެ މިނިސްޓްރީން ބުނީ ފަސް މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމް ހުޅުލެ އަދި ހުޅުމާލޭ ގުޅުވައިދޭ ލިންކް ރޯޑްގައި ގާއިމުކުރާ ސްޓަރަކްޗާ ޑިޒައިންކޮށްފައި ވަނީ ތިމާވެއްޓާއި ރައްޓެހިގޮތަކަށް އަދި އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ޕޭވްމެންޓް ބޭނުންކުރެވޭ ގޮތަށެވެ. މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ސޯލާ ޕީވީގެ ނިޒާމް ގާއިމުކޮށްފައިވާ ސްޓްރަކްޗާއަށް އެއްވެސް ގެއްލުމެއްވެއްޖެ ހާލަތެއްގައި ސްޓަރަކްޗާ މަރާމާތްކޮށް ބެލެހެއްޓުމަކީ އެއްބަސްވުމުގެ ދަށުން ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރާ ކުންފުނީގެ ޒިންމާއެއް ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ ހުޅުލެ- ހުޅުމާލެ ލިންކް ރޯޑުގައި ގާއިމުކުރާ ފަސް މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމްގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ އެސްޕަޔާގެ ދެވަނަ ފިޔަވަހީގެ ދަށުން ހުޅުލެ ހުޅުމާލޭގައި ފަސް މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމުކުރަން ހުޅުވާލި ފުރުސަތުގައި 21 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ. އަދި ވާދަވެރި ބީލަމެއްގެ ތެރެއިން ފަންނީ އަދި މާލީ ގާބިލުކަމަށް ބަލައި އަދި އޭގެ އިތުރުން އެންމެ ކުޑަ އަގެއް ހުށަހެޅީ ތައިލޭންޑްގެ އެންސިސް ކޯ ލިމިޓެޑުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ އެކުންފުނިން ހުޅުލެ އަދި ހުޅުމާލޭ ގުޅޭ ލިންކް ރޯޑުގައި އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމް ގާއިމުކޮށް އެއިން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައިވާ ރޭޓަކީ ކަރަންޓް ޔުނިޓަކަށް 10.09 ޔޫއެސް ސެންޓަށް ކަމަށެވެ. އެސްޕަޔާގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި 1000 ހައުސިންގް ޔުނިޓްތަކުގައި ގާއިމްކޮށްފައިވާ 1.5 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކަމުން ދަނީ 21 ޔޫއެސް ސެންޓަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
"އެހެންކަމުން މިއަދު ސޮއިކުރެވުނު ފަސް މެގަވޮޓްގެ ސޯލާއިން އުފައްދާ ކަރަންޓް ސްޓެލްކޯއަށް އެއްބަސްވުމުގެ ދަށުން ގަންނަން ލިބެނީ މީގެ ކުރީން ސޯލާ ހަކަތައިން އުފައްދާ ކަރަންޓް ޔުނިޓަކަށް ޖެހޭ އަދަދުގެ ދެބައިކުޅަ އެއްބައި އަގުހެޔޮ ރޭޓެއްގައި،" އެންވަޔަރަންމަންޓް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ ރާއްޖޭގައި އެއްފަހަރާ އެންމެ ގިނަ އަދަދަކަށް އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމުކުރުމަށް މިއަދު ސޮއިކުރެވުނު އެސްޕަޔާ ދެ ވަނަ ފިޔަވަހިން އެކަނި ވެސް ދައުލަތުން ތެލަށް ކުރާ ޚަރަދު ބޮޑުތަނުން ކުޑަވެގެން ދާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ. އެގޮތުން މި ފިޔަވަހީގެ ފަސް މެގަވޮޓްގެ ސޯލާއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 މިލިއަން އަހަރަކު ރައްކާކުރެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުންޏެވެ.
އެކްސެލެރޭޓިން ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާރޖީ (އެސްޕަޔާ) މަޝްރޫއަކީ، ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރާއި މިކަމަށްކުރާ ޚަރަދު ކުޑަކޮށް ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޕްރައިވެޓް އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ވާރލްޑް ބޭންކްގެ އެހީގައި އެންވަޔަރަންމަންޓް މިނިސްޓްރީން ހިންގާ މަޝްރޫއެކެވެ.