ތުރުކީގެ ވައިގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ ދެ މަތިންދާބޯޓު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގަން އޮތް ފުރުސަތުން ވަރަށް ހަނި ގޮތަކަށް ސަލާމަތްވެއްޖެ އެވެ.

ލަންޑަނުން ފުރައިގެން ކޮލަމްބޯއަށް ދަތުރުކުރި ސްރީލަންކަން އެއާލައިންސްގެ ޔޫއެލް 504 ދަތުރު ކުރަމުން އައީ ތުރުކީގެ ވައިގެ ސަރަހައްދުގައި 33،000 ފޫޓު މަތިންނެވެ.

ހަމަ އެ ސަރަހައްދުން ސިންގަޕޫރަށް ދާން ދަތުރުކުރަމުން ދިޔަ ބްރިޓިޝް އެއާވޭސްގެ ފްލައިޓް ދަތުރުކުރަމުން ދިޔައީ 35،000 ފޫޓު މަތިންނެވެ.

އެގޮތުގައި ދަތުރުކުރަމުން ދަނިކޮށް އަންކާރާގެ އެއާ ޓްރެފިކް ކޮންޓްރޯލުން ވަނީ ސްރީލަންކަން އެއާލައިންސްއަށް އިތުރު 2،000 ފޫޓު މައްޗަށް އެރުމަށް ކްލިއަރަންސްދީ ހުއްދަކޮށްފަ އެވެ.

ނަމަވެސް އެ ފްލައިޓްގެ ޕައިލެޓަށް ބޯޓުގެ ސިސްޓަމް ރާޑަރުން އެ ސަރަހައްދުގައި އެހެން ބޯޓެއް އުޅޭކަން ފާހަގަވެ، ކޮންޓްރޯލްގެ ސަމާލުކަމަށް އެކަން ވަނީ ގެނެސްފަ އެވެ.

އޭގެ ކުޑައިރުކޮޅެއް ފަހުން ޓްރެފިކް ކޮންޓްރޯލުން ވެސް ވަނީ އެކަން ކަށަވަރުކޮށްދީ އިތުރަށް މައްޗަށް ނޭރުމަށް އިރުޝާދު ދީފަ އެވެ.

ސްރީލަންކަން އެއާލައިންސްގެ ފްލައިޓުގައި 274 މީހުން ތިބިއިރު އެ އެންމެންގެ ފުރާނަ ސަލާމަތްވީ ޔޫއެލް 504ގެ ޕައިލެޓްގެ ހުޝިޔާރުކަމުންނެވެ.

މިހާދިސާއަށްފަހު ގިނަ ބައެއްގެ ތައުރީފު އެ ޕައިލެޓަށް އަންނަނީ ލިބެމުންނެވެ.