ކޮރެއަން ސީރީޒް "ސްކުއިޑް ގޭމް" ކާމިޔާބީއަށް ފަހު ނެޓްފްލިކްސްއިން "ސްކުއިޑް ގޭމް" ރިއަލިޓީ ޝޯއެއް ގެނެސްދިނުމަށް ނިންމައިފި އެވެ.
ނެޓްފްލިކްސް އިން ސްޓްރީމްކުރި މަގުބޫލު ކޮރެއަން ސީރީޒް "ސްކުއިޑް ގޭމް" އަކީ މިހާތަނަށް އެންމެ ގިނަ މީހުން ބެލި ސީރީޒް އެވެ.
މިކާމިޔާބީ އާ ގުޅިގެން ނެޓްފްލިކްސްއިން ވަނީ މިސީރީޒްގެ ދެވަނަ ބައެއް ވެސް އުފެއްދުމަށް ނިންމާފަ އެވެ. އަދި މީގެ އިތުރުން 4.56 މިލިއަން ޑޮލަރުގެ ފައިސާގެ އިނާމަކާއެކު "ސްކުއިޑް ގޭމް" ރިއަލިޓީ ޝޯއެއް ވެސް ގެނެސްދިނުމަށް ނެޓްފްލިކްސްއިން އަންނަނީ ތައްޔާރުވަމުންނެވެ.
456 ބައިވެރިންނާއި އެކު ފެށުމަށް ހަމަޖެހިފައިވާ މި ގޭމުގައި ''ސްކުއިޑް ގޭމް'' ޑުރާމާގައި ބައިވެރިންނަށް ކުރިމަތިލާން ޖެހުނު ފަދަ އަނިޔާވެރިކަމާ ކުރިމަތިލާން ނުޖެހޭނެ ކަމަށް ވެސް ނެޓްފްލިކްސްއިން ބުނެފައިވެ އެވެ.
ނެޓްފްލިކްސް އިން ބުނީ "ސްކުއިޑް ގޭމް: ދަ ޗެލެންޖް"ގައި އޮރިޖިނަލް ސީރީޒްގެ ގޭމްތަކުގެ އިތުރުން ބައެއް "ހައިރާން ކުރުވަނިވި އާ ގޭމްތަކެއް" ހިމެނޭނެ ކަމަށެވެ. އެއީ ޖުމްލަ 10 އެޕިސޯޑް ހިމެނޭނެ ޝޯއެކެވެ.
ނެޓްފްލިކްސްގެ މިހާތަނަށް ގެނެސްދިން އެންމެ ކާމިޔާބު އެއް ސީރީޒް ކަމަށްވާ "ސްކައިޑް ގޭމް" އަކީ މިދިޔަ ސެޕްޓެމްބަރު މަހު ސްޓްރީމްކުރި 9 އެޕިސޯޑްގެ ސީރީޒްއެކެވެ. މީގައި ދައްކައިދިނީ ދަރަނިވެފައިވާ އާއިލާތަކެއްގެ ފައިސާ ހޯދަން ކުޑަކުދިންގެ ގޭމެއް ކުޅެން ނުކުތުމުން ދިރިއުޅުން "ބިރުވެރި" ގޮތަކަށް ބަދަލުކޮށްލާ ގޮތެވެ.
ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިންގް ޕްލެޓް ފޯމުކަމުގައިވާ ނެޓްފްލިކްސް އިން ބުނިގޮތުގައި 1.6 ބިލިއަން ގަޑިއިރު ބަލައިގެން "ސްކްއިޑް ގޭމް" މިހާރު އޮތީ އެ ޕްލެޓްފޯމުން އެންމެ ގިނަ މީހުން ބެލި ސީރީޒަށް ވެފައެވެ. ނެޓްފްލިކްސް އިން ދެވަނައަށް އެންމެ ގިނައިން ބެލި އިނގިރޭސި ސީރީޒަކަށް އޮތީ "ބްރިޖެޓަން" ގެ ދެވަނަ ސީޒަން އެވެ.