ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގައި ބޭރު ގައުމުތަކަށް ދަތުރު ކުރާއިރު މާސްކް އެޅަން މަޖުބޫރުކޮށްފި އެވެ.

މޯލްޑިވިއަނުން ބޭރު ގައުމުތަކަށް ކުރާ ދަތުރުތަކުގައި މާސްކު އަޅަން މަޖުބޫރުކަން އަންގާފައިވަނީ އެކަމާއި ގުޅިގެން އެކުންފުނިން ކުރި ޓުވީޓެއްގަ އެވެ.

މޯލްޑިވިއަންއިން ދަތުރުކުރާއިރު، މާސްކު އަޅަން އަންގާފައިވަނީ އަނެއްކާވެސް ކޮވިޑުގެ ކޭސްތައް ރާއްޖޭގައި ގިނަވެފައި ވަނިކޮށެވެ. އަދި އެކަމާއި ގުޅިގެން ކޮވިޑުން ސަލާމަތްތެރިކަން ހޯދުމަށް މާސްކް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފައި ވަނިކޮށެވެ.

"ހުރިހާ އެންމެންގެ ސަމާލުކަމަށް. ރާއްޖެއިން ބޭރަށް ފުރާ ހުރިހާ ފަސެންޖަރުންވެސް މާސްކް އަޅަން ޖެހޭ ކަން އަންގަން،" މޯލްޑިވިއަންއިން ކުރި ޓްވީޓްގައިވެ އެވެ.

ކޮވިޑުގެ ކޭސްތައް އިތުރުވަމުންދާކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ، މިދިޔަ ހަފްތާއާ އޭގެ ކުރީ ހަފްތާއާ އަޅާކިޔާއިރު، 69 އިންސައްތައަށް ކޭސްތައް އިތުރުވެފައިވާކަމަށެވެ. އަދި މި ހަފްތާގައިވެސް 142 ޕޮޒިޓިވް ކޭހެއް ފެނިފައިވާއިރު މިހާތަނަށް 11 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާކުރަމުން ގެންދާކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.