ބްރުސެލްސް (17 ޖޫން) - ޔޫކްރެއިންއާއި މޮލްޑޯވާއަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ މެމްބަރުކަން ދޭން ހުށައަޅަން ޔޫރަޕިއަން ކޮމިޝަނުން ނިންމައިފި އެވެ.

އީޔޫ އިތުރަށް ފުޅާ ކުރަން ނެދަލޭންޑްސްއާއި ޑެންމާކް ފަދަ ބައެއް ގައުމުތަކުން ދެކޮޅު ހެދި ނަމަވެސް ޔޫކްރެއިންއަށް ވަނީ ފްރާންސް، އިޓަލީ، ޖަރުމަނު އަދި ރޮމޭނިއާގެ ތާއީދު ލިބިފަ އެވެ.

ފްރާންސްގެ ރައީސް އިމެނުއަލް މެކްރޯން ވިދާޅުވީ ޔޫކްރެއިންއަކީ ޔޫރަޕް އާއިލާގެ ބައެއް ކަމަށާއި އެހެން ކަމުން އީޔޫގައި އެގައުމުގެ ބައިވެރިވުން މުހިއްމު ކަމަށެވެ.

އީޔޫގެ ބެލެނިވެރިކަންކުރާ ޔޫރަޕިއަން ކޮމިޝަނުން މި ހުށައެޅުން ހުށައެޅުމާއެކު އަންނަ ހަފްތާގައި އޮންނަ އީޔޫގެ ބައްދަލުވުމުގައި މިކަމަށް މަޝްވަރާ ކުރެވޭނެ އެވެ.

ޔޫކްރެއިންއަށް އީޔޫގެ މެމްބަރުކަން ހުށައެޅުން ވާނީ މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާއާ ކުރިމަތިލުމަށް އެގައުމަށް ލިބޭ އިތުރު ހިތްވަރަކަށެވެ.

އީޔޫގެ މެމްބަރުކަން ޔޫކްރެއިންއަށް ހުށައެޅޭއިރު، އެމެރިކާ ބައިވެރިވާ ނޭޓޯއިން ވަނީ އެ ޖަމާއަތުގެ މެމްބަރުކަން ޔޫކްރެއިންއަށް ދޭން ދެކޮޅު ހަދާފަ އެވެ.

ޔޫކްރެއިންއަށް އީޔޫގެ މެމްބަރުކަން ހުށައެޅުނު ނަމަވެސް ފުރިހަމަކުރަން ޖެހޭ ބައެއް ކަންކަން ހުރުމާއެކު މެމްބަރުކަން ލިބެން އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެ އެވެ. އޭގެ ތެރޭގައި ގައުމުގެ ކޮރަޕްޝަންގެ ހާލަތު އިސްލާހުކުރުން ހިމެނެ އެވެ.

ޔޫކްރެއިންއަކީ ދުނިޔޭގެ އެންމެ ކޮރަޕްޓް އެއް ގައުމުކަމަށް ވޮޗްޑޯގް ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްއިން ބުނެފައިވެ އެވެ. -- އަލް އަރަބިއްޔާ