ޕާކިސްތާނުގެ އިގްތިސާދު އެއްވަރެއްގައި ހިފެހެއްޓުމުގެ ބޭނުމުގައި ކަމަށް ބުނެ އެ ގައުމުން މީހުން މާ ގިނައިން ސައި ނުބޯން ސަރުކާރުން އަންގައިފި އެވެ.

ދުނިޔޭގައި އެންމެ ގިނައިން ސައިފަތް އިމްޕޯޯޓްކުރާ ޕާކިސްތާނުގެ އިގްތިސާދު ހީނަރުވެ، އިންފްލޭޝަން މައްޗަށް ދިއުމުގެ އިތުރުން އެގައުމުގެ ފައިސާގެ އަގުވެސް ދަނީ އިންތިހާއަށް ދަށްވަމުންނެވެ.

ޕާކިސްތާނުގެ ފެޑެރަލް މިނިސްޓަ އޮފް ޕްލޭނިންގް އެންޑް ޑިވެލޮޕްމަންޓް އަހްސަން އިގުބާލު ވިދާޅުވީ ގިނަ އަދަދަކަށް ސައިފަތް އިމްޕޯޓް ކުރަން ޖެހުމާއެކު އިގްތިސާދަށް އިތުރު ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ.

"ކޮންމެ މީހަކުވެސް ދުވާލަކު ސައި ބޯ މިންވަރު އެއްތަށި ނުވަތަ ދެތަށި މަދުކުރުން ރަނގަޅު،" އަހްސަން ވިދާޅުވި އެވެ.

220 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޕާކިސްތާނުން 2020 ވަނަ އަހަރު 640 މިލިއަން ޑޮލަރުގެ ސައިފަަތް އެތެރެ ކޮށްފައިވާއިރު، މިއީ ދުނިޔޭގެ އެއްވެސް ގައުމަކުން ސައިފަތް އެތެރެ ނުކުރާވަރުގެ އަދަދެކެވެ.

މިފަހަކަށް އައިސް ޕާކިސްތާނުގެ އިގްތިސާދު މަޑުޖެހި މުދަލާއި ހިދުމަތުގެ އަގުބޮޑުވެ ގޭހާއި ތެޔޮ ފަދަ ޒަރޫރީ ތަކެތި ލިބުމުގައި ދަތިތަކެއް ވެސް ވަނީ ކުރިމަތިވެފަ އެވެ.