ބޮލީވުޑްގެ ތަރި ސަނީ ލިއޯނާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފި އެވެ.

ސަނީ ލިއޯންގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ އާއި އިތުރު ފަންނާނުންނާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާ ކަމަށެވެ.

އެޕޯސްޓްގައިވާ ގޮތުން ސަނީ ލިއޯން ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އަންނާނީ ސެޕްޓެމްބަރު މަހުގެ 16 އިން 19 އަށެވެ.

އަދި މި ޗުއްޓީ ދަތުރު މެނޭޖުކުރަނީ އިންޑިއާގެ ޓްރެވަލް އެޖެންސީއެއް ކަމަށްވާ "އޭޒް ޔޫ ޕްލޭން" އިން ކަމަށްވެސް އެޕޯސްޓްގައި ވަނީ ބުނެފަ އެވެ. އެ ފުރުސަތު ހޯދުމަށް ޖެހެނީ "އޭޒް ޔޫ ޕްލޭން" ގެ ވެސްބައިޓަށް ގޮސް، ރަޖިސްޓްރީވެ ބުކިން ހައްދާށެވެ.

"ޓްރެޒާ އައިލެންޑް ވެކޭޝަން ވިތު ސަނީ ލިއޯން - މޯލްޑިވްސް އެޑިޝަން" ކިޔާ އެ ޕްލޭންގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދޭނީ ރާއްޖޭގެ ޕްރައިވެޓް އައިލެންޑެއް (ރިސޯޓެއްގައި) ކަމަށް ވެސް ބުންޏެވެ.

ޗުއްޓީ ދަތުރުގައި ސަނީ ހުންނަ ރިސޯޓުން 110 ލަގްޒަރީ ވިލާ ބުކް ކޮށް ޗުއްޓީ ހޭދަކުރަން ބައިވެރިވާ މީހުންނަށް އެ ވިލާތައް ހަމަޖައްސަން ނިންމާފައިވެ އެވެ.

ސަނީއާ އެކު ޗުއްޓީ ހޭދަކުރާ މީހުންނަށް އޭނާއާ އެކު ބީޗް ގޭމްތަކެއް ކުޅުމުގެ ފުރުސަތު ލިބި މޮޅުވާ މީހަކަށް ސަނީއާ އެކު ކޮފީ ޑޭޓަކަށް ދެވޭނެ އެވެ. އަދި ސަނީއާ އެކު އިރުއަރާ ގަޑީގައި ޔޯގާ އިވެންޓެއްގައި ބައިވެރިވެވޭނެ އެވެ

https://www.instagram.com/p/Ce78KEXjAeU/

ސްޕޮންސަރުންގެ ލިސްޓުގައިވާ ގޮތުން އެ ރިސޯޓަކީ އދ. އަތޮޅުގައި އޮންނަ ރެޑިސަން ބްލޫ ރިސޯޓް މޯލްޑިވްސް އެވެ.

އެ ދަތުރުގެ ރާއްޖޭގެ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވާނީ ރާއްޖޭގެ ޓޫރިޒަމް މާކެޓްކުރާ "ވިޒިޓް މޯލްޑިވްސް" އެވެ.

ފިލްމު "ޖިސްމު 2" އިން 2012 ގައި ބޮލީވުޑަށް ނުކުތް ސަނީ އަކީ މި ފަހުން ރާއްޖެ އަށް ޗުއްޓީ އަށް އެންމެ ގިނައިން އަންނަ އިންޑިއާގެ ތަރިން ތެރެއިން އެކެކެވެ. އޭނަ އެންމެ ފަހުން ރާއްޖެ އައީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ.