ދިވެހި ޤައުމީ ދިދަ ނެގުމުގައްޔާއި، ދިދަ ބޭނުންކުރުމުގައި ސަރުކާރުގެ މުއައްސަސާތަކުން އަމަލުކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އާ އުސޫލެއް ކަނޑައަޅުއްވައިފި އެވެ.

މިކަން އަންގަވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި 6/2022 ނަންބަރު ދެންނެވުމުގަ އެވެ.

މި ދެންނެވުމުގައިވާގޮތުން ސަރުކާރުގެ މުއައްސަސާތަކުން ދިވެހި ގައުމީ ދިދައަށް ހުރުމަތްތެރިކޮށް ހިތަައި އަދި، ދިވެހި ގައުމީ ދިދައިގެ ހުރުމަތަށް އުނިކަމެއް އަންނަ ފަދަ މިންވަރަކަށް ބާވެފައިވާ ނުވަތަ ހަލާކުވެފައިވާ ދިދައެއް، އެއްވެސް ކަމެއްގައި ބޭނުންކޮށްގެނެއް ނުވާނެ އެވެ. އަދި މި ދެންނެވުމުގައި ވަނީ ސަރުކާރުގެ އިމާރާތްތަކުގައްޔާއި، ސަރުކާރުގެ މުއައްސަސާތަކުގެ ރަސްމީ ކަންކަމުގައި އާންމުގޮތެއްގައި ބޭނުންކުރަންވީ ދިދައިގެ މިންތައް ވެސް ކަނޑައަޅުއްވާފަ އެެވެ.

މީގެ އިތުރުން ވެސް މި އުސޫލުގައި ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއިން ދިވެހި ގައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ހުންނަންވާ ތަންތަނާއި، ހެނދުނު 6:00 އިން ހަވީރު 6:00 އަށް ދިވެހި ގައުމީ ދިދަ ނަގައިފައި ހުންނަންވާ މުއައްސަސާތައް ވަނީ ބަޔާންކުރައްވާފަ އެވެ. އަދި، ދިވެހި ގައުމީ ދިދައާއި އެހެން ދިދައެއް އެކުގައި ހުންނަގޮތަށް ދެ ދިދައެއް ނަގާނަމަ، ނުވަތަ ބަހައްޓާނަމަ، ދިވެހި ގައުމީ ދިދަ ހުންނަންވާނެ އުސޫލު ވެސް މި ދެންނެވުމުގައި ވަނީ ބަޔާންކުރައްވާފަ އެވެ.

އަދި، ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމުގައި ގެންގުޅެންވާ އުސޫލު ވެސް މި ދެންނެވުމުގައިވެ އެވެ.