މިދިޔަ ހަފުތާގައި އިނގިރޭސިވިލާތުގެ ހައިކޯޓުގެ ޖަޖް މިސިޒް ޖަސްޓިސް ސްޓޭންގެ ކުރިމަތީގައި އޮތް މައްސައެއްގެ ހުކުމްއިއްވަން ތައްޔާރުވަމުން ދިޔައިރު ނޫސްވެރިއާ މިޒް ކެރޯލް ކެޑްވާލްޑާ ނޭވާ ހިފަހައްޓައިލައިގެންހުރީ، އެ ހުކުމް އަންނަ ގޮތަކުން އޭނާގެ ހަޔާތް އެފުށް މިފުށަށް ޖެހިގެން ހިނގައިދާނެ ގޮތަކާމެދު އެވެ.

ދިރިއުޅުމަށްޓަކައި ކުރަމުން ގެންދިޔަ މަސައްކަތް ގެއްލި އަމިއްލަ ގެދޮރާއި އަތުގައި ހުރިނަމަ ހުރި މުދަލެއް ބީވެ، ބަނގުރޫޓުވުމާއި ނުވުން އޮތީ އެ ހުކުމް އަންނަ ގޮތެއްގެ މައްޗަށެވެ.

ކޯޓުގައި އޮތް މައްސަލައަކީ އިނގިރޭސި ވިލާތް ޔޫރަޕިއަން ޔޫނިއަން އިން ވަކިވުމަށްޓަކައި ނެގި ރިފަރެންޑަމްގައި ބްރެކްސިޓަށް ތާއީދު ކުރި ކެމްޕޭނަށް ގިނަ އަދަދަކަށް ހޭދަކުރި މަހުޖަނެއް ކަމަށްވާ އެރަން ބޭންކްސް ހުށަހެޅި މައްސަލައެކެވެ.

ބޭންކްސްގެ ދައުވާއަކީ އޭނާ ބްރެކްސިޓް ކެމްޕޭނަށްކުރި ހޭދައާއި ރަޝިޔާ ސަރުކާރާ ގުޅުމެއްވެދާނެކަމުގައި ނޫސްވެރިޔާ ކެރޯލް ދެއްކި ވާހަކައިގެ ސަބަބުން އޭނާގެ އަބުރަށް ގެއްލުން ލިބި، ވިޔަފާރިއަށް އުނިކަން އައުމުގެ ސަބަބުން އެކަމަށް ބަދަލު ހޯދުމެވެ.

ކޯޓުތަކުގައި ދިފާއުވާން ހިނގާ ޚަރަކީ، ޚާއްސަކޮށް މިފަދަ މުއްސަނދި މަހުޖަނުންގެ ދިފާއުގައި ނަމަ، ވަރަށް ބޮޑު އެއްޗެކެވެ. ޝަރީއަތަށް ހިނގާ ޚަރަދުގެ އިތުރުން މައްސަލަ ނިމޭ ގޮތަކުން ކާމިޔާބުވާ މީހާގެ ލީގަލް ފީތައް ނާކާމިޔާބުވާ ފަރާތުން ދައްކަން ޖެހޭ ގޮތަށް އޮންނަ އޮތުމަކީ ކެރޯލްގެ ހާސްކަން އިންތިހާއަށް ދާން މެދުވެރިވި ސަބަބެވެ.

ބޭންކްސް ހުށަހެޅި މައްސަލަ ކޯޓުގައި ފެށުމާއެކު ޔޫކޭގެ އިލެކްޝަންސް ކޮމިޝަނުން ވަނީ މިމައްސަލައާ ގުޅޭ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައިވާ ގޮތުން ބްރެކްސިޓު ކެމްޕެއިނަށް ބޭރުގެ ފަރާތަކުން ޚަރަދުކުރިކަމުގެ ހެތްކެއް ނެތެވެ. އެކަމަށްޓަކައި ބަލަން ޖެހޭ ހުރިހާ ބެލުމެއް ބަލައި ކްރޮސް ޗެކް، އެ އިދާރާއިން ވަނީ ކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަންސްއިން މިބާވަތުގެ ކަންތައް ބަލާނެ ގޮތާއި ބެލޭނެ މިންގަނޑަކީ ކަންހިނގާ ގޮތް އެނގޭ ބަޔަކަށް ވިސްނާލަން މާ އުނދަގޫ ކަމަކަށް ނުވިޔަސް އެއީ ގާނޫނީ ގޮތުން އެކަމުގެ ބާރު އޮތް އިދާރާކަމުން އެ ކޮމިޝަނުގެ ބަހަކީ ކޯޓުގައި މުހިންމު އެއްޗެކެވެ. އެހެންކަމުން ނޫސްވެރިޔާ ދެއްކި ވާހަކަ އެ ހިސާބުން ދޮގު ވާހަކައަކަށްވެ ނިމުނީ އެވެ. އެހެން ނަމަވެސް ގައުމުގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ ބޭންކްސްގެ އެންމެ އަގުބޮޑު ވަކީލުންގެ ޓީމުންކުރަމުން ގެންދިޔަ ފުރައްސާރައާއި ޖެއްސުމުގެ ކުރިމަތީގައި ކެރޯލް އޭނާގެ ދިފާއުގައި ކުރަމުން ގެންދިޔަ މަސައްކަތް ދޫކޮށެއް ނުލި އެވެ. އެކަމަށްޓަކައި ބޭނުންވި ފައިސާ ހެޔޮއެދޭ ފަރާތްތަކުން ކެރޯލްއަށް ދިޔައީ ފޯރުކޮށްދެމުންނެވެ.

ކެރޯލް އޭނާގެ ދިފާއު ބިނާކުރީ ބޭންކްސް އާއި ރަޝިޔާ ސަރުކާރުގެ އިސް ވެރިންނާ އޮތް ގުޅުމާ ހިނގަމުން ދިޔަ ބައްދަލުވުންތަކާއި އެކަންތަކާ ގުޅިގެން އުފެދޭ ސުވާލުތަކުގެ ވާހަކަ ދައްކަން ޖެހުނީ އެއީ އާންމުންނަށް އެންގެން ޖެހޭ ހަގީގަތަކަށް ވާތީ ކަމަށެވެ. އެކަމުގައި އާންމުންގެ މަސްލަހަތެއް ވާތީކަމަށެވެ.

ނޫސްވެރިޔާ ދެއްކި ހެކިތަކަށް ބޭންކްސް ދެކޮޅު ހެދިކަމުގައި ވިޔަސް ކޯޓުން އެ ހާދިސާތަކުގެ ފޮރެންސިކް ރިޕޯޓެއް ހެދި އެވެ. އެ ރިޕޯޓުގެ އަލީގައި ކެރޯލް ބަޔާންކުރާ ބައަދަލުވުންތަކަކީ ހަގީގަތުގައި ވެސް ހިނގާފައިވާ ބައްދަލުވުންތަކެއްކަމާއި ބޭންކްސް އާ ދެކޮޅަށް ކެރޯލް ދެއްކި ވާހަކައަކީ ހަގީގަތެއްކަމުގައި ސާބިތު ނުވިކަމުގައި ވިޔަސް އޭނާ އެވާހަކަ ދައްކާފައި ވަނީ ޕަބްލިކް އިންޓްރެސްޓުގެ ދަށުން ކަމުގައި ވާތީ، ބޭންކްސް ދައުވާކުރާ ކުށުން ކެރޯލް ބަރީއަވާ ކަމުގައި ހައިކޯޓުގެ ޖަޖް ހުކުމްކުރި އެވެ.

މައްސަލަ ނިމުމާ އެކު ބީބީސީގެ ރޭޑިއޯ ފޯއަށް ކެރޯލް އިންޓަވިއު ދިންއިރު އޭނާ ހުރީ ފެންކަޅިވެފަ އެވެ. އަޑު ނިކުތީ ވަރަށް އުނދަގުލުންނެވެ. ކުރިމަތިވެފައި އޮތް ބޮޑު ނުރައްކަލަކުން ސަލާމަތްވުމުން އެކަމުގެ ޖަޒުބާތުންނެވެ. އެ ޕްރޮގްރާމުގައި ބީބީސީ އާ ވާހަކަ ދެއްކި ގާނޫނީ ދާއިރާގެ ގިނަ ބަޔަކު ވަނީ މިހާރު ގާނޫނުގައި ޚަރަދަށް ޒިންމާވުމުގެ ބައި އޮންނަ ގޮތާމެދު ކަންބޮޑުވުންފާޅު ކޮށްފަ އެވެ.

ދިވެހި ރާއްޖޭގައި ވެސް އެތައް ދުވަހެއްގެ މަސައްކަތުން މަދަނީ އިޖުރާއަތުގެ ގާނޫނެއް ވުޖޫދުވެ، މިމަހުގެ 16 ވަނަ ދުވަހު ވަނީ އެއަށް އަމަލު ކުރަން ފަށައިފަ އެވެ.

ގިނަ ދުވަސްތަކެއްގެ މަސައްކަތަށް ފަހު، މިދިޔަ އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި މަދަނީ އިޖުރައާތުގެ ގާނޫނަށް އަމަލު ކުރަން ފެށުމާ އެކު، މަދަނީ އަދުލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ.

ރާއްޖޭގައި ގިނައީ މަދަނީ މައްސަލަތައް ކަމަށް ވާއިރު، އެ ގާނޫނާ އެކު އާންމުންގެ މުދަލާއި ފައިސާއާ ގުޅޭ މައްސަލަތަކުގައި އަމަލުކުރާ އުސޫލުތަކަށް އެއްކޮށްހެން ބަދަލުވީ އެވެ. މިއީ ފަހުގެ ތާރީހެއްގައި އެ ނިޒާމަށް އައި އެންމެ ބޮޑު ބަދަލެވެ.

މިގާނޫގައި އޮތް އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ޔޫރަޕްގެ ޝަރުއީ ދާއިރާގައި ބިރުވެރިކަން އުފެދިފައިވާ ޚަރަދަށް ޒިންމާ ވާން ޖެހުމުގެބަ އެވެ. ގާނޫނު ބުނާގޮތުން ޝަރީއަތް ކާމިޔާބު ކުރާ މީހާގެ ލީގަލް ފީ ބަލިވާ މީހާ ދައްކަން ޖެހެ އެވެ.

އާންމުންނާ ގުޅުން ހުރި ބައެއް ބަދަލުތައް:

  • މައްސަލަ ކާމިޔާބުވި ފަރާތުގެ ގާނޫނީ ހަރަދު ނާކާމިޔާބުވި ފަރާތުން ދައްކަން ޖެހުން.
  • ޣައިރު ހާޒިރުގައި ކުރާ ހުކުމްތައް ރިވިއު ކުރަން އެދެވޭނެ.
  • ކުދި މައްސަލަތައް އެންމެ ދުވަހަކުން ނިންމުން.
  • ދެ ފަރާތް އެއްބަސްވާ ނަމަ، އަޑުއެހުމަކާ ނުލައި މައްސަލަ ނިންމުން.
  • ހުކުމަށް އަމަލު ނުކުރާ ނަމަ ދަރަނިވެރިޔާގެ މުދާ ކޯޓުން މޮނިޓާކުރުން.

ބޮޑެތި މަހުޖަނުންގެ ކޭސްތަކުގެ ލީގަލް ފީ ދިވެހި ނޫސްވެރިންނަށް ނުވަތަ އާދައިގެ ރައްޔިތުންނަށް ދައްކަން ޖެހޭ ދުވަހަކުން އެއީ ކުޑަކަމަކަށް ނުވާނެ އެވެ. މިހާރު ވެސް ކޯޓު ކޭސްތަކުގެ އަގު ބޮޑުކަމުން ކޯޓުތަކުގެ ދޮރުގައި ޓަކި ޖަހާ ނުލެވޭ ކިތަންމެ ބައެއް ތިބި އިރު މުސްތަގުބަލުގައި މިކަން އަދި މާބޮޑު ވާނެ އެވެ. މަދަނީ އިޖުރާއަތުގެ ގާނޫނުން އުފަންވާ މި ބިރުވެރިކަން ހަގީގަތަކަށް ވާން އަދި ދުވަސްކޮޅެއް ނަގާނެ އެވެ.