ޅ. އަތޮޅުގައި މިއަހަރު އިތުރު ދެ ރިސޯޓް ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ޅ. ކުރެންދޫ މެންބަރު އަބްދުލް އަނީ އަބްދުލް ހަކީމް ކުރެއްވި ސުވާލަކަށް މަޖިލީހުގައި ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދަށް ޓޫރިޒަމް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަހަރު ޅ. އަތޮޅުގައި ދެ ރިސޯޓެއް ހުޅުވާނެ ކަމަށެވެ. އަދި ޅ. އަތޮޅަކީ ސަގާފީ ޓޫރިޒަމް ތަރައްގީކުރަން ވެސް ވަރަށް ރަނގަޅު ސަރަހައްދެއް ކަމަށް ޑރ. މައުސޫމް ވިދާޅުވި އެވެ.

ނަމަވެސް މިއަހަރު އަލަށް ހުޅުވާ ދެ ރިސޯޓަކީ ކޮބައިކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަބަތާއި ގުޅިގެން ދާދިފަހުން ޔޫއެންޑަބްލިއުޓީއޯއާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދިޔަ ގްލޯބަލް ސަމިޓް އޮން ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމްގައި ވެސް ރާއްޖޭގެ ރަށްތަކުގައި ސަގާފީ ޓޫރިޒަމް ކުރިއެރުވުމަށް މަޝްވަރާކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޅ. އަތޮޅުގައި އަޅުގަނޑުމެން މިބަލަނީ މިއަހަރު ދެ ރިސޯޓް ހުޅުވޭނެ ކަމަށް. ކަލްޗަރަލް ޓޫރިޒަމްއަކީ ޅ. އަތޮޅާއިއެއްކޮށް ވަރަށް ބޮޑަށް ކުރިއަށްގެންދެވިދާނެ ޓޫރިޒަމްއެއް،" ޑރ. މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހާއްސަކޮށް ކުރެންދޫއަށް އެ މިނިސްޓްރީން ވެސް ޒިޔާރަތްކުރި ކަމަށެވެ. އަދި އެ ރަށް ގޮސް އެތަނުގައި ހުރި އާސާރީ ޓޫރިޒަމްއާއި ބެހޭ ކަންތައްތައް ބަލައި އެކަންތައްތައް ކުރިއަށް ގެންދެވޭނެގޮތެއް ބަލަމުން އަންނަ ކަމަށް ވެސް ޑރ. މައުސޫމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދާދި މިދާކައް ދުވަހު ޔޫއެންޑަބްލިއުޓީއޯއާ ގުޅިގެން ނިންމާލި ގްލޯބަލް ސަމިޓް އޮން ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް. އޭގައި ވަރަށް ބޮޑު އިސްކަމެއް ދެވުނު އެ ޓޫރިޒަމް ކުރިއަށް ގެންދާނެ ގޮތެއް. އެހެންވީމަ ޅ. އަތޮޅުގައި ވިޔަސް އެހެން އަތޮޅުގައި ވިއަސް އެބައި ކުރިއަށް ގެންދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. މައުސޫމް މީގެ ކުރިން ވަނީ މިއަހަރުގެ ތެރޭގައި ރާއްޖޭގައި އިތުރު 10 ރިސޯޓް ހުޅުވިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. މި އަހަރުގެ މިހާތަނަށް ވަނީ ދެ ރިސޯޓެއް ހުޅުވާފަ އެވެ. އަލަށް ހުޅުވޭ 10 ރިސޯޓާއެކު ރިސޯޓްތަކުގެ އެނދުގެ އަދަދު 3،500 އަށް އިތުރުވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.