ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސްއަޅައި، ހިންގި ހަމަނުޖެހުމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި އިދިކޮޅު ޕީޕީއެމަށް ފުލުހުން ކުރި ތުހުމަތު އެޕާޓީން ދޮގުކޮށްފި އެވެ.

ގަލޮޅު ދަނޑު ސަރަހައްދުގައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ގަލޮޅު ދަނޑުގައި މިއަދު ހެނދުނު ކުރިއަށްދިޔަ ޔޯގާ ހަރަކާތަށް ހުރަސް އަޅައި އެހަރަކާތުގެ ބައިވެރިވި ބޭރުގެ ގައުމުތަކުގެ ސަފީރުންނާއި، ޑިޕްލަމެޓުންނާއި، އަދި އާންމުންގެ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް އެތަނަށް ވަދެގަނެ، ބައެއް މީހުންނަށް ހަމަލަދީ ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެ އަމަލު ހިންގި މީހުން ބޭނުންކޮށްފައިވާ ބައެއް އާލާތްތައް ނެރެފައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އޮފީހުން ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ.

ނަމަވެސް އެ ޕީޕީއެމުން ބުނީ، ގަލޮޅު ދަނޑުގައި މިއަދު ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވުމާއި ގުޅިގެން އެޕާޓީއަށް ނިސްބަތްކޮށް ފުލުހުން ނެރެފައިވާ ބަޔާނަކީ ދޮގު ބަޔާނެއް ކަމަށެވެ.

ފުލުހުން ވަނީ މިހާދިސާ ހިނގި ކަމަށް މެދުވެރިވި ސަބަބު ބަލައި ތަހުގީގުކޮށް ފިޔަވަޅު އަޅާނެކަމަށް ބުނެފަ އެވެ. މި މައްސަލާގައި މިހާތަނަށް ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.