ޑިޕްރެޝަން އާއި ނަފްސާނީ ބަލީގެ ވާހަކަތަކަކީ ކޮންމެ ގޭބިސީއަކުން ވެސް މިހާރު އިވޭނެ އަޑެކެވެ. ހަމައެހެންމެ ދުނިޔޭގައި އެންމެ ގިނަ ވަމުންދާ އެއް ބަލީގެ ގޮތުގައި ނަފްސާނީ ބަލިމަޑުކަންވެސް ހިމެނިފައިވެ އެވެ.

އަމިއްލަ ނަފްސާ މެދު ދެކޭ ގޮތް ބަދަލުވުމާއި، ބޭކާރު މީހެއްގެ ގޮތުގައި އަމިއްލައަށް އިހްސާސްވުމާއި ދުނިޔޭގައި ހުރުމުގެ ބޭނުމެއް ނެތްކަމުގެ އިހްސާސްތައް ގިނަވެ އެހެން މީހުންނަށް ބުރައަކަށް ވެދާނެތީ މަރުވުމުގެ ހިޔާލުތައް އައުން ފަދަ އިހްސާސްތައް ދިގުދެމިލައި ދެ ހަފްތާ އަށްވުރެ ގިނަ ވުމަކީ އެކަމަށް އެކަށީގެންވާ ފަރުވާ ހޯދަން ޖެހޭ ކަމެކެވެ. ޑިޕްރެޝަންގެ ތައާރަފެއްގެ ގޮތުގައި މިކަން ބެލެވިދާނެ އެވެ.

ގިނަ ބަޔަކު އެމީހުންގެ އެ ތަޖުރިބާ އާންމުންނާއި ހިއްސާކޮށް، ހޭލުންތެރިކޮށްފައިވާއިރު، އޭގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ތަރި ދީޕިކާ ޕަޑުކޯންވެސް އޭނާގެ އެ ހިތި ތަޖުރިބާ އާންމުންނާއި ހިއްސާކޮށްފައިވެ އެވެ.

ދީޕިކާ އޭރު ލޯބީގެ ގޮތުން ގުޅުނީ ބޮލީވުޑްގައި ގިނަ ބައެއްގެ މަޝްހޫރުކަން ހޯދާފައިވާ ކަޕޫރު ޚާންދާނަށް ނިސްބަތްވާ ރަންބީރު ކަޕޫރު އާއެވެ. ނަމަވެސް އޭނާ ވަނީ ދީޕިކާއަށް ބޭވަފާތެރިވެފަ އެވެ. އާންމުންނާ މުހާތަބުކޮށް ވާހަކަ ދައްކަމުން ދީޕިކާ ބުނީ އޭނާއަށް ޑިޕްރެޝަން އާ ކުރިމަތިލާން ޖެހުނީ، ރަންބީރު، އޭނާއަށް ބޭވަފާތެރިވުމުން ކަމަށެވެ.

މިކަމާ ގުޅިގެން ވާހަކަ ދައްކަމުން ދީޕިކާ ބުނީ، ޑިޕްރެޝަނަށް ގޮސް އޭނާއަށް އެންމެ އުނދަގޫވީ، މީހުންނާއި މުހާތަބު ކުރަން ކަމަށެވެ. އަދި ސަބަބަކީ، މީހުންނަށް އޭނާގެ ހާލަތު އިހުސާސް ނުވުން ކަމުގައި ދީޕިކާ ބުނެފައިވެ އެވެ. އެ ހުރިހާ ކަމެއް ފެށުނީ އެއް ދުވަހެއްގެ ހެނދުނު އޭނާ ހޭލި ވަގުތު އިހުސާސްވި މާޔޫސް ކަމަކުން ކަމަށާއި، އޭގެ ފަހުން އޭނާ އެއްވެސް ކަމެއް ކުރަން ހިތްވަރު ނުހުންނަ ކަމަށާއި، ނިދިން ހިތްހަމަ ޖެހުން ހޯދަން މަސައްކަތް ކުރެވުނު ކަމަށް ދީޕިކާ ބުނެފައިވެ އެވެ.

https://www.youtube.com/watch?v=slWuyvucTrE

ފުން އަަސަރާއެކު އެ ތަޖުރިބާ ކިޔައިދެމުން ދީޕިކާ ބުނީ އޭނާއަށް އެކަމުން ސަލާމަތް ވުމަށް އެހީތެރިވީ ނަފްސާނީ ބައްޔަށް ފަރުވާ ކުރާ ޑޮކްޓަރެއް ކަމަށެވެ. އަދި އެކަމުން އަރައިގަތުމަށް ގިނަ ދުވަސްތަކެއް ނެގިކަމަށް އޭނާ ބުނެފައިވެ އެވެ.

ދީޕިކާ ވަނީ އިންޑިއާގައި ނަފްސާނީ ބައްޔަށް އިތުރަށް ހޭލުންތެރި ކުރުވުމަށް މީހުންނަށް ހޭލުންތެރިކުރުމަށް ފައުންޑޭޝަންއެއް ހުޅުވާފަ އެވެ. އަދި އޭނާ ދަނީ ހުރިހާ ޕްލެޓްފޯމެއްގައި ވެސް އެކަމުގެ މައުލޫމާތު އާންމުންނާއި ހިއްސާކޮށް، ހޭލުންތެރި ކުރުވަމުންނެވެ.