ސިއޯލް (22 ޖޫން) - ޗައިނާގެ އަސްކަރީ މަތިންދާ ބޯޓުތަކެއް އިއްޔެ ވެސް ޓައިވާންގެ ވައިގެ ސަރަހައްދަށް ވަދެފައިވާ ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީއިން ހާމަކޮށްފި އެވެ.
އެ މިނިސްޓްރީއިން އިތުރަށް ބުނެފައިވަނީ އިއްޔެ ފޮނުވާލި 29 މަތިންދާ ބޯޓުތަކުގެ ތެރޭގައި ފައިޓާ ޖެޓްތަކާއި އެންޓި ސަބްމެރިން އެއާކްރާފްޓްތައް ވެސް ހިމެނޭ ކަމަށެވެ.
އިއްޔެއަކީ މިއަހަރު ފެށުނު ފަހުން ތިންވަނައަށް އެންމެ ގިނަ މަތިންދާ ބޯޓު ޓައިވާންގެ ވައިގެ ސަރަހައްދަށް ވަތް ދުވަހެވެ. މީގެ މަހެއްހާ ދުވަސް ކުރިން ވެސް ޗައިނާއިން ވަނީ 30 އަށްވުރެ ގިނަ މަތިންދާ ބޯޓު ޓައިވާނަށް ފޮނުވާާފަ އެވެ.
ޗައިނާއިން ހިންގި މި އޮޕަރޭޝަންގެ ރައްދުގައި ޓައިވާނުން ވަނީ އެގައުމުގެ ޑިފެންސް މިސައިލް ސިސްޓަމްއާއި ކޮމްބެޓް އެއާކްރާފްޓް ބޭނުންކޮށްގެން ޗައިނާގެ ބޯޓުތައް އެ ސަރަހައްދުން ބޭރުކޮށްފަ އެވެ.
މީގެ 70 އަހަރު ކުރިން ހިނގި ހަނގުރާމައާއެކު ޗައިނާއާއި ޓައިވާން ވަކި ދައުލަތެއްގެ ގޮތުގައި ހިނގަމުން އައި ނަމަވެސް ޗައިނާއިން އަންނަނީ ޓައިވާނަކީ އެގައުމުގެ ބައެއް ކަމަށް ދައުވާ ކުރަމުންނެވެ.
ޓައިވާނުން މިނިވަންކަން އިއުލާން ކޮށްފިނަމަ ހަނގުރާމައެއް ފަށަން ވެސް ފަސް ނުޖެހޭނެ ކަމަށް ޗައިނާއިން ވަނީ މީގެ ކުރިން ބުނެފަ އެވެ. -- ސީއެންއެން