ޓްރަމްޕް ސަރުކާރުގައި، ގައުމީ ސަލާމަތާ ބެހޭ މުޝީރުގެ މަސްއޫލިއްޔަތު އެންމެ ފުރަތަމަ ހަވާލުކުރެއްވި، މައިކަލް ފްލިން އަށް މާފުދެއްވައިފި އެވެ. ފްލިން ވަނީ، އަދާކުރައްވަން ހުރި މަސްއޫލިއަޔްތުތައް ރަސްމީކޮށް ހަވާލުކުރުމުގެ ކުރިން، އިސްތިއުފާ ދެއްވާފަ އެވެ.
މައިކަލް ފްލިން ވަނީ އެފްބީއައި އަށް ދޮގު ހައްދަވައި – ސައްހަނޫން މައުލޫމާތު ދެއްވާފަ އެވެ. އެއީ އެމެރިކާގައި 2016 ގައި އޮތް ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލުމަށް ރަޝީޔާ އިން މަސައްކަތްކޮށްފައި ވޭތޯ ބެލުމަށް އެފްބީއައި އިން ހިންގި ތަހުގީގަށް މައުލޫމާތު ދެއްވަމުންނެވެ.
އެފްބީއައި އިން މައިކަލް ފްލިން އާ ކުރި ސުވާލުތަކުގެ ތެރޭގައި، އެމެރިކާގައި ހުންނަވާ ރަޝިޔާގެ އެމްބެސެޑަރު، ސަރްގޭ ކިސްލިއަކް އަށް ފޯނުން ގުޅުއްވައި މަޝްވަރާކުރެއްވި ކަންތައްތައް ހިމެނެ އެވެ. މި ދެ ބޭފުޅުން ވަނީ، އެމެރިކާ އިން ރަޝިޔާ އާ ދެކޮޅަށް އަޅާފައި ވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭ ގޮތުން ވާހަކަދައްކަވާފަ އެވެ.
ރަޝިޔާގެ އެމްބެސެޑަރަށް ގުޅުއްވައި ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން، ނައިބް ރައީސް، މައިކް ޕެންސް ސުވާލުކުރެއްވުމުން ވެސް ފްލިން މަސައްކަތްކުރެއްވީ ބޯދަމައިގަނެވޭތޯ އެވެ. އެހެން ނަނަމެސް، ކުރިމަތިވެ ވަޑައިގެންނި ސުވާލުތަކާ ހެދި – ފަހުން ވަނީ ތެދު މައުލޫމާތު ދެއްވައި – މާފަށް އެދިވަޑައިގެންފަ އެވެ.
ޓްރަމްޕް، މައިކަލް ފްލިން އަށް މާފުދެއްވުމަކީ، މާފުދެއްވަން ޓްރަމް ގެންގުޅުއްވާ ދިގު ލިސްޓެއްގެ ފެށުން ކަމަށް ބުނެވެ އެވެ. އެމެރިކާގައި މި އަހަރު އޮތް ރިޔާސީ އިންތިހާބު ޓްރަމްޕް އަށް ގެއްލުމާ ގުޅިގެން – ހިތްޕުޅު ހަމަޖެހިވަޑައިނުގެން ހުންނަވައި ގެންދަވަނީ – އިންތިހާބު ކާމިޔާބުކުރެއްވި ޖޯ ބައިޑަން އަށް ޖެއްސުންކުރައްވަމުންނެވެ. ބައިޑަން އޮފީހާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ފުރިހަމަކުރަން ހުރި ކަންތައްތައް ކުރަން މެދުވެރިވެފައި ހުރި އިދާރާތަަކަށް އެއްބާރުލުން ދެއްވުމުގައި ޓްރަމްޕްގެ ކިބައިން ފެންނަނީ އަޅާލުން ކުޑަކަމެވެ.
މައިކަލް ފްލިން އަށް މާފުދެއްވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި، އޭނާ އަށް މާފު ހައްގު ނޫން ކަމަށް ދަނީ ބުނެވެމުންނެވެ. މިއީ ރަނގަޅު ނޫން އިޚްތިޔާރެއްކަން ޓްރަމްޕް އަށް ފަހުން އެނގިވަޑާއިގަންނަވާނެ ކަމަށާއި، ދެން އުޅުއްވަން ޖެހިވަޑައިގަންނަވާނީ މި ލައްގަނޑު ނުފިލައިގެން ކަމަށް ވެސް ބުނެވެ އެވެ.