ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހަށް ހުށަހަޅައިފި އެވެ.
ޔޫތު މިނިސްޓްރީއާއި އިންޑިއާ ހައިކޮމިޝަނާއި ގުޅިގެން ބައިނަލް އަގުވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުން ދަނީ ޚާއްސަ ތަހުގީގެއް ހިންގަމުންނެވެ. މިތަހުގީގާ ގުޅިގެން ބައެއް މީހުން ދަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަމުންނެވެ.
މިމައްސަލާގައި ޔޫތު މިނިސްޓަރު މަހުލޫފަށް މީހަކު ވަނީ މަރުގެ އިންޒާރުދީ މެސެޖްކޮށްފަ އެވެ. އަދި މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް މިހާރު ވަނީ ގެނެސްފަ އެވެ.
އިންޒާރު ދިން މީހާ ބުނެފައިވަނީ އޭނާގެ އަޚަކަށް އެއްވެސް ފިޔަވަޅެއް އަޅައިފިކަމުގައިވާނަމަ މިނިސްޓަރުގެ މުޅި އާއިލާގެ ޒަމާން ވެސް ދުއްވާލާނެ ކަމަށެވެ. އަދި ޔޯގާ ހަރަކާތަކީ ބާތިލު ފިކުރެއް ކަމަށާއި، މިކަމުގައި އަމަލު ކުރާ ގޮތް ކައިރިން ބަލަން ތިބިކަމަށް އޭނާގެ އިންޒާރުގައި ވަނީ ބުނެފަ އެވެ.
އިންޒާރުތަކާ ގުޅިގެން މަހުލޫފް ވިދާޅުވީ "ތިޔަކަހަލަ ކޮހެއްގެ" އަތުން މަރުވެއްޖެ ނަމަ ވާނީ ޝަހީދަކަށް ކަމަށެވެ.
މިނިސްޓަރުކަމަކީ މާގަދަ ކަމެއް ކަމަށް މެސެޖުކުރި މީހާއަށް ގަބޫލު ކުރެވުނަސް، އޭނާއަށް މަގާމަކީ އެއްވެސް މުހިންމު ކަމެއް ނޫންކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ. އަދި ބިރުދައްކައިގެން ކަންކަން ހާސިލް ނުކުރެވޭނެ ކަމަށް ވެސް މަހުލޫފް ވަނީ ވިދާޅުވެފަ އެވެ.
އަންގާރަ ދުވަހުގެ ޔޯގާ ހަރަކާތަށް ހުރަސް އެޅި މައްސަލާގައި މިހާތަނަށް ފުލުހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހަ މީހަކު ވަނީ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފަ އެވެ. އަދި ރޭގައި ފުލުހުންގެ ހިންގި އޮޕަރޭޝަންތަކުގައި ހަ މީހަކު ހައްޔަރުކޮށްފައިވެ އެވެ.
މީގެ ތެރޭގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި، ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނޭ ޝައިޚް ފަޒުލޫން މުހައްމަދާއި، ޝައިޚު އާދަމް ނިޝާން ވެސް ހިމެނެ އެވެ.
ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ޙަރަކާތަށް ހުރަސްއަޅައި ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާއިން ހަރަކާތްތެރިވިގޮތުގެ އިންޓާނަލް ރިވިއުއެއް ހެދުމުގެ މަސައްކަތް ވެސް ފުލުހުން ދަނީ ކުރަމުންނެވެ.
މި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގައި ފުލުހުން ހަރަކާތްތެރިވި ގޮތާމެދު ސީރިއަސް ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި އެ މައްސަލަ ޚާއްޞަ އިސްކަމެއް ދެއްވައިގެން ބަލަމުން އަންނަ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވަނީ ވިދާޅުވެފަ އެވެ.