ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާޖެންޓީނާގެ ހުނަރުވެރި ފޯވާޑް ލިއޮނަލް މެސީ 35 ވަނަ އުފަންދުވަސް މިމަހުގެ 24 ވަނަ ދުވަހު ވަނީ ފާހަގަ ކޮށްފަ އެވެ.
މެސީގެ 35 ވަނަ އުފަންދުވަސް ފާހަގަކުރާއިރު އޭނާގެ ކުރީގެ ކްލަބް ކަމަށްވާ ބާސެލޯނާއިން ވެސް މެސީގެ އުފަންދުވަހުގެ ތަހުނިޔާ ވަނީ ކިޔާފަ އެވެ. އަދި މީގެ އިތުރުން ބާސެލޯނާއިން ވަނީ މެސީ އާއި ބެހޭ ގޮތުން ވީޑިއޯއެއް ތައްޔާރުކޮށް އެކްލަބުގެ ވެބްސައިޓްގައި އާންމުކޮށްފަ އެވެ.
މިވީޑިއޯގައި މެސީ ކްލަބުގައި ކުޅެފައިވާ މެޗުތަކާއި ޖެހި ގޯލްތަކުގެ ވީޑިއޯތައް ހިމެނެ އެވެ.
މެސީ ބާސެލޯނާ ދޫކޮށްލިތާ އަހަރެން ވެގެންދާއިރު މެސީއަކީ އެކްލަބަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ. އަދި ބާސެލޯނާއަށް އެންމެ ގިނަ ގޯލުވެސް ޖެހި ކުޅުންތެރިޔާ އެވެ. އެގޮތުން މެސީ ވަނީ ބާސެލޯނާއަށް 767 މެޗު ކުޅެދީ، އެޓީމަށް 671 ގޯލު ކާމިޔާބު ކޮށްދީފަ އެވެ.
ބާސެލޯނާ އަށް 17 އަހަރު ކުޅުމަށް ފަހު އެ ޓީމު ދޫކޮށްލި މެސީ މިހާރު ކުޅެމުން އަންނަނީ ޕީއެސްޖީ އަށެވެ.
މެސީގެ ކާމިޔާބީތަކުގެ ތެރޭގައި ފްރާންސްގެ ފުޓްބޯޅައިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ނުވަތަ ބެލޮންޑިއޯ އެވޯޑް ހަތްވަނަ ފަހަރަށް މެސީއަށް ވަނީ ލިބިގެން ގޮސްފަ އެވެ.