ބޮލީވުޑްގައި އެތަރިއެއްގެ ނަން ބުނުމުން އެއީ ކާކުކަން ނޭނގޭނެ މީހަކު މަދުވާނެ އެކަކީ އާމިރު ޚާން އެވެ.

އާމިރަކީ 90 ގެ އަހަރުތަކުން ފެށިގެން ބެލުންތެރިންނަށް މުނިފޫހި ފިލުވުމުގެ ދާއިރާގައި ހިދުމަތްކޮށްދިން ތަރިއެކެވެ. އަދި އޭނާގެ ހުނަރުވެރި އެކްޓުން އޭނާ ވަނީ އާންމުންގެ ލޯބި ހޯދާފަ އެވެ.

ނަމަވެސް ބޮލީވުޑްގައި ކެރިއަރެއް ހޯދުމަށް އާމިރުގެ ބައްޕަ މީގެ ކުރިން ރުހިފައެއް ނުވެ އެވެ.

އާމިރު ބުނިގޮތުގައި އޭނާ ބައްޕަ ބޭނުންވީ އޭނާ އާދައިގެ ދިރިއުޅުމެއް އުޅޭށެވެ. އަދި އެކްޓަރަކަށް ވުމުގެ ބަދަލުގައި އެންޖީނިއަރަކަށް ވުމަށް އޭނާގެ ބައްޕަ އެދުނުކަމަށް އާމިރު ބުނެފައިވެ އެވެ.

އާމިރުގެ މިވާހަކަތަކާއި އެއްފަދަ ފިލްމެއްވެސް އޭނާ ކުޅެފައިވެ އެވެ. "ތްރީ އިޑިއަޓްސް" ކިޔާ އެ ފިލްމުގައި ވެސް އޭނާ ދައްކައިދީފައިވަނީ ހިތް އެދޭ ދާއިރާއެއްގައި މަސައްކަތް ކުރުމަށް ލަފާދޭ ރަހުމަތްތެރިއެއްގެ ރޯލެކެވެ. އެ ފިލްމަށް ވެސް ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވެ އެވެ.

ނަމަވެސް ދާދި ފަހުން އާމިރު ވަނީ އޭނާ ފިލްމީ ކެރިއަރާއި ދުރަށް ދާން ނިންމާފައިވާ ކަމަށް ވެސް ބުނެފަ އެވެ. އެގޮތުން ބެލުންތެރިންނަށް އާމިރު އެންމެ ފަހު ފަހަރަށް ފިލްމަކުން ފެނިގެންދާނީ "ލާލް ސިންގް ޗައްދާ" އިންކަމަށް އޭނާ ބުނެފައިވެ އެވެ.