މާލެ ރައްޔިތުންނަށް ބިންވެރިޔާ ސްކީމުގެ ދަށުން 3،000 ގޯއްޗާއި 4،000 ފްލެޓަށް ކުރިމަތިލުމަށް މިއަދު ހުޅުވާލައިފި އެވެ.

މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކުރާނީ ސަރުކާރުގެ "ބިންވެރިޔާ ސްކީމް"އާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެއާއި ގުޅީފަޅުންނެވެ.

މިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ "ގެދޮރުވެރިން ޕޯޓަލް" (https://gedhoruverin.gov.mv) މެދުވެރިކޮށެވެ.

މި ފުރުސަތު މިއަދުން ފެށިގެން 26 ސެޕްޓެމްބަރުގެ ނިޔަލަށް ހުޅުވާލެވިފައި އޮންނާނެކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ. މި ބުރުގައި ހުޅުވާލާފައިވަނީ 3000 ގޯއްޗާއި 4000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ކަމަށްވެސް އެމިނިސްޓްރީން ބުނެ އެވެ.

މި ދެ ސްކީމަށް ޝަރުތު ހަމަވިނަމަވެސް، ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ އެ ފަރާތަކުން އިހްތިޔާރުކުރާ ކޮންމެވެސް އެއް ސްކީމަކަށްކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ

މިއަދު ރައީސް އޮފީހުގައި މިޕޯޓަލް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މާލޭގެ ރައްޔިތުންގެ ތެރެއިން އެ މީހުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ތަނެއް ނެތް ނުވަތަ 600 އަކަފޫޓަށް ވުރެ ކުޑަ ތަންކޮޅެއް ވާރުތަވާން އޮތް މީހުންނާއި 600-1000 އަކަފޫޓާ ދެމެދުގެ ބިމެއް ވާރުތަވާން އޮތް މީހުންނަށް ހަ ކެޓަގަރީއަކަށް ބަހާލައިގެން މި ސްކީމް ކުރިއަށް ގެންދާނެ ކަމަށެވެ.

އެ ސްކީމުގައި ވަކި ފަރުދެއްގެ ގޮތުގައި ނުވަތަ އާއިލާގެ މެމްބަރުންނާ ގުޅިގެން ވެސް ބައިވެރިވެވިދާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދޫކުރާ ގޯތީގެ އެންމެ ކުޑަ އަކަފޫޓަކީ 1،225 އަކަފޫޓު. ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާ އެޕްލިކޭޝަނުން ހޮވޭ ފަރާތްތަކަށް އެކަކަށް ވުރެ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުކުރެވޭނެ. އެންމެ ބޮޑުކޮށް ވެސް ދޫކުރެވޭނީ 4،000 އާ ހަމައަށް،" އަސްލަމް ވިދާޅުވި އެވެ.

އެ ތިން ހާސް ގޯތީގެ އިތުރުން ހުޅުމާލޭގައި މިހާރު އިމާރާތްކުރަމުން އަންނަ 4،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ގޯއްޗަށް އެދި ކުރިމަތިލާ މީހުންގެ ޝަރުތުތައް:

· މާލޭގެ ރައްޔިތެއްކަމުގައިވުން

· 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން

· މާލޭ ސަރަޙައްދުގައި އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ތަނެއް ނެތުން

·600 އަކަފޫޓަށްވުރެ ބޮޑުތަނެއް ރަޖިސްޓްރީވެފައިވާނަމަ، އެތަނެއް ދޫކޮށްލަން އެއްބަސްވުން

· އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައިވާ މީހެއްކަމުގައި ނުވުން

·ބަންޑާރަ ގޯއްޗަކުން ބަހައިގެން ވާރުތައިން ލިބެންއޮންނަ ތަނެއް ދޫކޮށްލަން އެއްބަސްވުން

·އަމިއްލަ ނަމުގައި އޮތް ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށް ދީފައި ނުވަތަ ވިއްކާލާފައިނުވުން

ފްލެޓަށް އެދި ކުރިމަތިލާ މީހުންގެ ޝަރުތުތައް:

· މާލޭގެ ރައްޔިތެއްކަމުގައިވުން

· 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން

· މާލޭގެ ރަށްވެއްސަކަށްވެފައިވާތާ ނުވަތަ ދިރިއުޅޭތާ 15 އަހަރު ވެފައިވާ ފަރާތެއްކަމުގައިވުން

· އެއްވެސް މަޝްރޫޢަކުން މީގެކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށްނުވުން

· މާލޭ ސިޓީން 600 އަކަފޫޓުގެ ނުވަތަ އެއަށްވުރެ ބޮޑު ޔުނިޓެއް/ބިމެއް ތަނެއް ގަނެފައިވާ ފަރާތަކަށްނުވުން

· ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ވިއްކާފައިނުވުން

· މަހަކަށް ޖެހޭ ޖުމްލަ އާމްދަނީ 60،000 ރުފިޔާވުރެ ބޮޑުނުވުން

ގޯތި ނުވަތަ ފްލެޓަށް އެދި ހުށަހެޅިދާނެ ގޮތްތަކާއި، ގޯތި ނުވަތަ ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ޢަމަލުކުރާނެގޮތާއި، އެހެނިހެން ތަފްޞީލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލާއި، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ އުސޫލުގައި ވަނީ ބަޔާންކޮށްފަ އެވެ.