ވިލިމާލޭގައި ހުންނަ އިހުސާން ފިހާރައިގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

"އިހުސާން ވިލި" ކިޔާ އެ އައުޓްލެޓްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަން ފާހަގަކޮށް އެމްއެންޑީއެފް އިން ބުނީ، އަލިފާންގަނޑު ނިއްވުމަށް އެމްއެންޑީއެފުގެ ވިލިމާލޭ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވާން ފެށީ ރޭ ފަތިހު 5:00 ހާއިރު ކަމަށެވެ. އަދި އެ ފިހާރައިގައި ރޯވި އަލިފާން ރޭ ފަތިހު 5:30 ހާއިރު ނިއްވާލެވުނުކަމަށް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓު ޝޯޓު ވެގެން ކަމަށް ބެލެވޭ ކަމަށް އިހުސާން ކުންފުނީގެ މެނޭޖަރު މުހައްމަދު އިހުސާން ބުންޏެވެ. އަދި މި މައްސަލަ ވީހާ ވެސް އަވަހަށް ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

މައުލޫމާތު ލިބޭގޮތުގައި މި ހާދިސާގައި ފިހާރައިގައި ހުރި ގިނަ ތަކެއްޗަށް ވަނީ ގެއްލުން ލިބިފަ އެވެ. އަދި މި ހާދިސާއާ ގުޅިގެން ފިހާރަ އަލުން މަރާމާތުކުރަން ދެ ތިން ދުވަހަށް ބަންދުކުރަން ޖެހޭ ކަމަށް ވެސް އިހުސާން ބުންޏެވެ.

ވިލިމާލޭގައި ހުންނަ އިހުސާނު ފިހާރައިގައި އާންމުކޮށް ވިއްކަނީ ކާބޯތަކެއްޗާއި ގޭތެރެއަށް ކޮންމެހެން ބޭނުންވާ ތަކެއްޗެވެ.