ބޮލީވުޑްގައި ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެ، ސުރުހީތަގައި އުޅޭ އެއް ތަރިއެއްގެ ގޮތުގައި ރާކީ ސާވަންތު ހިމެނޭނެ އެވެ.

ރާކީ އަކީ އޭނާގެ ތަފާތު މިޒާޖާއި ގުޅިގެން މީޑިއާގެ ސަމާލުކަމަށް އަންން ތަރިއެކެވެ. އެގޮތުން އޭނާ އަކީ އާންމުންގެ ސަމާލުކަން ހޯދަން މަސައްކަތް ކުރާ މީހެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކޮށްފައިވެ އެވެ.

މީގެ އަހަރުތަކެއް ކުރިން ރާކީ ސިޔާސީ ދާއިރާއެއްގައި ކުރިމަތިލުންވެސް ވަނީ ގިނަ ބަޔަކަށް ސިހުން ލިބުނު ކަމަކަށެވެ. އެގޮތުން އޭނާ ވަނީ އޭނާގެ އަމިއްލަ ޕާޓީއެއްވެސް އުފައްދާފަ އެވެ. ރާކީ އުފެއްދި ޕާޓީއަށް އޭނާ ނަންދީފައިވަނީ 'ރާޝްތްރިޔަ އާމް' ގެ ނަމުންނެވެ.

އޭނާ ވަނީ އެ ޕާޓީގެ ދަށުން އިންޑިއާގެ ސިޓީއެއް ކަމުގައިވާ މުމްބާއީގެ ނޯތު ވެސްޓު ޕާލިމެންޓްރީ ކޮންސިސްޓެންސީ މަގާމަށް ކުރިމަތިލާފަ އެވެ. ނަމަވެސް އެ މަގާމަށް ކުރިމަތިލުމުން އޭނާއަށް ލިބިފައިވަނީ އެންމެ 15 ވޯޓެވެ.

އިލެކްޝަނުން ރާކީ ބަލިވާނެކަން ގިނަ ބަޔަކު އޭރުވެސް އަންދާޒާކޮށްފައިވެ އެވެ. ނަމަވެސް އާންމުން އެންމެ ބޮޑަށް ހައިރާންވީ އޭނާއަށް 15 ވޯޓުގެ މިންވަރުވެސް ލިބުމުންނެވެ.