މާލެ ސަރަހައްދަށް ރޭ ކުރި ވިއްސާރާގައި، ހިނގި ކަނޑުމަތީގެ ހަތް ހާދިސާއެއްގެ ރިޕޯޓް ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ ރޭ ހިނގި ހާދިސާތަކުގައި "ކުރޫޒާ 3" ނަމަކަށް ކިޔާ ދޯންޏެއް ބަންޑުން ޖަހާލައި މީހަކު ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު ކޯސްޓްގާޑަށް ރޭ 7:59 ހާއިރު ލިބުމާ ގުޅިގެން ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަ ކްރާފްޓް ޑައިވަރުންނާއެކު ހަރަކާތްތެރިވެފައިވާ ކަމަށެވެ. ނަމަވެސް، 8:20 ހާއިރު މި ދޯނިން ގެއްލުނު މީހާ ފެނިފައިވާ ކަމަށާއި އިތުރު އެހީތެރިކަމެއް ބޭނުން ނުވާކަމަށް ރިޕޯޓްކުރުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑު ހާބަ ކްރާފްޓް ލޯންޗު އެހެން ހާދިސާއަކަށް އެޓެންޑްވެފައިވާ ކަމަށް ބުނެފައިވެ އެވެ.

މޫސުން ގޯސްވެ، ރޭ ހިނގި އިތުރު ހާދިސާއެއްގައި ތުޅާގިރި ކައިރިން މާލެ ދަތުރުކުރަމުންދިޔަ "ޑެންގޫ ލޯންޗް" ނަމަކަށް ކިޔާ ލޯންޗެއް ކަނޑު ގަދަވެ، ނުދުއްވިގެން ދިޔަވާކަމުގެ މައުލޫމާތު އެމްއެންޑީއެފް އެމްއާރުސީސީއަށް ރޭ 8:15 ހާއިރު ލިބުނު ކަމަށް ވެސް ކޯސްޓު ގާޑުން ބުނެ އެވެ. މި އުޅަނދުގެ ހާލަތު ބެލުމަށް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ހާބަ ކްރާފްޓް ވަނީ ޑައިވަރުންނާއެކު އެ ސަރަހައްދަށް ދިޔުމަށް ހަރަކާތެރިވި ކަމަށް ވެސް ކޯސްޓު ގާޑުން ބުނެ އެވެ. އަދި ފަހުން އެ ލޯންޗުގެ ދިޔަވުން ކޮންޓްރޯލްކުރެވި، އެ ސަރަހައްދުގައި ހަދަމުންދާ "ލޯބިގިލި" ރިސޯޓުގެ ބަނދަރަށް ވަދެފައިވާ ކަމަށް އުޅަނދުގެ ކެޕްޓަން ވަނީ އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދިން ކަމަށް ވެސް ބުންޏެވެ.

ރޭ ކޯސްޓްގާޑަށް ރިޕޯޓް ކުރި އަނެއް ހާދިސާއަކީ، ކ. ގިރާވަރު ކައިރިން ދަތުރުކުރަމުންދިޔަ 22 ފޫޓްގެ "ލޮނު ޓެއިލްސް" ނަމަކަށް ކިޔާ ލޯންޗެއް ބަންޑުން ޖަހާލި ހާދިސާ އެވެ. މި ހާދިސާގެ ރިޕޯޓް ރޭ 8:40 ހާއިރު ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސޮޑްރަންގެ ހާބަ ކްރާފްޓް ލޯންޗް އެ ސަރަހަށްދަށް ގޮސް އެ ލޯންޗުން ދަތުރުކުރި ހަތަރު މީހުން ވަނީ ރޭ 9:26 ހާއިރު މާލެ ގެނެސްދީފައިވާ ކަމަށް ވެސް ކޯސްގާޑުން ބުންޏެވެ. އަދި އެ ހަތަރު މީހުންގެ ހާލު ވެސް ރަނގަޅެވެ.

ރޭ ހިނގި އިތުރު ހާދިސާއެއްގައި، ކ. ގާފަރު ކައިރިން ދަތުރުކުރަމުންދިޔަ "ލަކީ ސްޓާ" ނަމަކަށް ކިޔާ ލޯންޗެއް މޫސުން ގޯސްވެ، ދިޔަވާކަމުގެ މައުލޫމާތު ރޭ 8:08 ހާއިރު ވަނީ އެމްއާރުސީސީއަށް ލިބިފަ އެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ އެފްއައިސީ ވެލާނާ ލޯންޗުގައި ޑައިންވަރުންނާއެކު ސްޓޭންޑްބައި ކުރެވިފައިވެ އެވެ. ނަމަވެސް މި އުޅަނދު ދިޔަވުން ކޮންޓްރޯލްކުރެވި ސަލާމަތްތެރިކަމާއެކު، ކ. ގާފަރު ބަނދަރަށް ވަދެފައިވާކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އެމްޕީއެލް ސަރައްދުގައި އޮތް ދެ ބާޖެއް ވައު ކަނޑައިގެން ގޮސް ފުނަދޫއާ ކައިރިވަމުންދިޔަ ކަމުގެ މަޢުލޫމާތު ވެސް ރޭ 8:49 ހާއިރު ވަނީ އެމްއެންޑީއެފް ކޯސްޓްގާޑު އެމްއާރުސީސީއަށް ލިބިފަ އެވެ. ނަމަވެސް އެމްޕީއެލްގެ ޓަގް ބޯޓްތައް ނެރެ މި ދެ ބާޖު އެމްޕީއެލް ސަރަހައްދަށް ވަނީ ވައްދާފަ އެވެ.

ރޭ ކުރި ވިއްސާރާގައި އެމްޓީސީސީގެ "މަހާޖައްރާފާ" ގެ ނަގިލި ކަހާލައިގެން ފަރަކާ ކައިރިވަމުންދިޔަކަމުގެ މައުލޫމާތު އެމްއާރުސީސީއަށް ރޭ 8:50 ހާއިރު ލިބުމާ ގުޅިގެން ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަން ސްޓޭންޑްބަައި ކުރެވިފައިވެ އެވެ. ފަރާ ކައިރިވި ނަމަވެސް "މަހާޖައްރާފާ" ފަރަށް އަރާފައެއް ނުވެ އެވެ.

މި ހާދިސާތަކުގެ އިތުރުން ފަތުރުވެރިން ގޮވައިގެން ކ. ރީތިރަށް ކައިރިން ދަތުރުކުރަމުންދިޔަ ލޯންޗެއް ރީތިރަށް ކައިރީގައިވާ ފިނޮޅަކަށް ބީހުނުކަމުގެ މަޢުލޫމާތު އެމްއާރުސީސީއަށް ވަނީ ރޭ ލިބިފަ އެވެ. މި ހާދިސާ ހިނގުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެކި ފަރާތްތަކާ ކޯޑިނޭޓްކޮށްފައިވެ އެވެ. އެ ލޯންޗުގައި ތިބި ފަތުރުވެރިން، ރީތިރަށް ރިސޯޓުން ފޮނުވި އެހެން ލޯންޗެއްގައި ވަނީ އެ ރިސޯޓަށް ގެންގޮސްފައެވެ.

ކޯސްޓްގާޑުން ބުނިގޮތުގައި ކަނޑުމަތީގައި ރޭ ހިނގި ހާދިސާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެ އެވެ.