އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ފެށުމަށް ހަތަރު މިލިއަން ރުފިިޔާ ދިވެހި ސަރުކާރުން ނަގައިފި އެވެ.

އިންޑިއާ ސަރުކާރުގެ އެހީއާއެކު ރާއްޖޭގައި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކުގެ ތަފާތު 7 މަޝްރޫޢެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، އެގައުމުގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިން މި މަޝްރޫއު ހިންގަން ހަމަޖެހިފައިވާކަން ހާމަކުރެއްވީ މިއަހަރުގެ މާޗު މަހުގަ އެވެ. އަދި ދިވެހި ސަރުކާރުން ވަނީ އޭގެ ޖެހިގެން އޮތް މަހުގެ 18 ވަނަ ދުވަހު އެގައުމާއެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އެގޮތުން މި މަޝްރޫއުތަކަށް 26.8 މިލިއަނެއްހައި ރުފިޔާ ހޭދަވާނެކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ލަފާކޮށްފައިވެ އެވެ.

މި މަޝްރޫއުތަކުގެ ތެރެއިން ނަފްސާނީ ބަލިތަކަށް ފަރުވާކުރެވޭނެ މަރުކަޒެއް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ސްޕީޗް ތެރަޕީ ޔުނިޓެއް ދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުރުކުރުމަށް ނިންމާފައިވާއިރު، ޕްރޮސްތެޓިކްސް އެންޑް އޯތޮޓިކްސް މެނިފެކްޗަރިން ފެސިލިޓީއެއް ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމުކުރުމަށް ވަނީ ނިންމާފަ އެވެ.

އޭގެ އިތުރުން ނ. ލަންދޫ އާއި ތ. ދިޔަމިގިލީގައި ޘަޤާފީ ތަންތަން ރައްކާތެރިކޮށް، ނ. މަނަދޫގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވެ އެވެ. މި މަޝްރޫއުގެ ދަށުން ގއ.ގެމަނަފުށި އަދި އދ. ދިގުރަށުގައި ޒުވާނުންގެ މަރުކަޒު ތަރައްޤީކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.