އިންޑިޔާގެ ބީޖޭޕީގެ ތަރުޖަމާނު ނުޕޫރު ޝަރުމާ ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި މައްސަލާގައި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނަރު ފޮރިން މިނިސްޓްރީއަށް ހާޒިރު ކޮށްފައި ނުވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ އޮންލައިން ނޫސް ދިޔަރެސްއިން އެކަމާގުޅިގެން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދަން އެދުނު މައުލޫމާތުގެ ޖަވާބުގަ އެވެ.

އިންޑިޔާ ސަފީރުގެ ބާރު ވަރަށް ބޮޑަށް އޮންނަ ކަމަށް ގިނަ ބަޔަކު ބުނަމުންދާ ފޮރިން މިނިސްޓްރީން ބުނެފައިވަނީ އެ މައްސަލައިގައި ސަފީރު ހާޒިރުކޮށް އެކަމަށް މާފަށް އެދުމަށް އެދިފައި ނުވާ ކަމަށެވެ.

ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައިގައި ދުނިޔޭގެ އިސްލާމީ ވަރަށް ގިނަ ގައުމުތަކުންވަނީ އެ ގައުމުތަކުގަޖއި ތިއްބަވާ އިންޑިޔާގެ ސަފީރުން ހާރިޖީ ވުޒާރާއަށް ހާޒިރުކޮށްފަ އެވެ. އަދި އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

ނަމަވެސް ރާއްޖެއިން މިކަމާގުޅިގެން ނެރެފައިވަނީ ވަރަށް ފިނި ބަޔާނެކެވެ. އަދި ރަސޫލާއަށް ފުރައްސާރަ ކުރުމާ ދެކޮޅަށް އިދިކޮޅުން މަޖިލީހަށް ހުށައެޅި މައްސަލަތައްވެސް ބޭރުކޮށްލާ މަޖިލީހުގައި އެކަމަށް ބަހުސް ކުރުމުގެ ފުރުސަތުވެސް ސަރުކާރުން ނުދިނެވެ.