ބާލިން (02 ޖުލައި)- 19 ވަނަ ގަރުނު ތެރޭގައި ޔޫރަޕްގެ ބަޔަކު ނައިޖީރިއާއިން ވަގަށް ނެގި އެ ގައުމުގެ ގަދީީމީ އާސާރުތަކުގެ ތެރެއިން ބައެއް އާސާރުތައް ޖަރުމަނުން ނައިޖީރިއާއަށް ރައްދުކޮށްދީފި އެވެ.

މީލާދުން 13 ވަނަ ގަރުނަށް ނިސްބަތްވާ އެ އާސާރުތަކުގެ ތެރޭގައި އެކި ޒާތުގެ ސްކަލްޕްޗާތަކާއި މޮނިއުމެންޓްތަކުގެ އިތުރުން ވެސް އެހެނިހެން އާސާރުތައް ހިމެނެ އެވެ.

އާސާރުތައް ލޫޓުވާފައިވަނީ ނައިޖީރިއާ އިނގިރޭސިންގެ ހިމާޔަތުގައި އޮތް ދުވަސްވަރު އެގައުމުގައި ހަރަކާތްތެރިވި އިނގިރޭސި ސިފައިންނެވެ.

މި ތަކެތި ވަނީ ފަހުން އެމެރިކާއާއި ޔޫރަޕް ގައުމުތަކުގެ އެކި ދާރުލްއާސާރުތަކުގައި ދައްކާލަން ބަހައްޓާފަ އެވެ.

ބެނިން ބްރޮންޒަސް ނަމަކަށް ކިޔާ މި އާސާރުތަކުގެ 5000 އާސާރުތައް ވަގަށް ނަގާފައިވާއިރު މިފަހަރު ޖަރުމަނުން އަނބުރާ ރައްދުކޮށްފައިވަނީ ދެ އާސާރެވެ.

އާސާރުތައް ބަަދަލުކުރަން ވެވުނު އެއްބަސްވުމުގައި ޖަރުމަނުގެ ފޮރިން މިނިސްޓަރު އަނަލެނާ ބޮއިބޮކް ވިދާޅުވީ މިއީ ޔޫރަޕްގެ ހިސާރު ކުރުމުގެ ތާރީހު ދައްކުވައިދޭ ކަމެއް ކަމަށާއި އެކަމުގައި ޖަރުމަނުގެ ބައިވެރިވުން ވެސް އޮތް ކަމަށެވެ.

"މި ތާރީހީ ނިންމުމުގައި ބައިވެރިވުމަކީ އަޅުގަނޑަށް ލިބުނު ފަހުރެއް" ނައިޖީރިއާގެ ފޮރިން މިނިސްޓަރު ޒުބައިރު ދާދާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައިވެސް މި އާސާރުތަކުގެ ތަކެތި ރައްދުކުރަން ހަމަޖެހިފައިވާއިރު ޖަރުމަނުން ވަނީ މި ތަކެތި ބަހައްޓާނެ ދާރުލްއާސާރެއް ބެނިން ސިޓީގައި އިމާރާތް ކުރަން މާލީ އެހީތެރިކަން ދޭނެ ކަމަށް ވެސް ބުނެފަ އެވެ. -- ރޮއިޓާސް