އޮޅިގެން އިންޑިއާ-ޕާކިސްތާން ބޯޑަރު ހުރަސްކުރި ޕާކިސްތާނަށް ނިސްބަތްވާ ތިން އަހަރުގެ ކުޑަ ކުއްޖަކު އިންޑިއާގެ ބޯޑާ ސެކިއުރިޓީ ފޯސްއިން އެކުއްޖާގެ އާއިލާއާ ހަވާލު ކޮށްފި އެވެ.
މީޑިއާ ރިޕޯޓުތައް ބުނާާ ގޮތުގައި އެކުއްޖާއަށް ބޯޑަރު ހުރަސް ކުރެވުނީ ނޭނގި ކަމަށާއި ބީއެސްއެފްގެ އޮފިސަރުންނަށް ކުއްޖާ ފެނުނީ ބޯޑަރު ފެންސް ކައިރީގައި ރޯން ހުއްޓާ ކަމަށެވެ.
ބީއެސްއެފްގެ އޮފިސަރުން އެކުއްޖާއާ ސުވާލުކުރި ނަމަވެސް އޭނާގެ މައުލޫމާތު އޮޅުން ފިލާ ގޮތް ނުވުމުން އޮފިސަރުން ވަނީ ބޯޑަރު ކައިރީގައި ތިބި ޕާކިސްތާނުގެ ސިފައިންނަށް އެކަން އަންގާފަ އެވެ.
އެގޮތުގެ މަތިން މަދު ގަޑިއިރު ކޮޅެއްގެ ތެރޭގައި ކުއްޖާ ވަނީ އޭނާގެ އާއިލާއާ ހަވާލު ކުރެވިފަ އެވެ. އާއިލާއިން ހަވާލުވަންދެން އެކުއްޖާ ބަހައްޓާފައިހުރީ އިންޑިއާ ސިފައިންގެ ހިމާޔަތުގަ އެވެ.
މިކަމާ ގުޅިގެން ޕަންޖާބުގެ ބީއެސްއެފްއިން ކުރި ޓްވީޓެއްގައި ބުނީ ސުލްހައިގެ ނިޝާނެއްގެ ގޮތުން ބޯޑަރު ހުރަސްކުރި ކުޑަ ކުއްޖަކު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.
މި ހާދިސާއަކީ ދެގައުމުގެ ދެމެދުގައި ބޯޑަރުގެ ރައްކާތެރިކަމާ މެދު މަޝްވަރާ ކުރެވިފައި ވަނިކޮށް ހިނގި ހާދިސާ އެކެވެ.