ޔޯގާއަކީ ދިވެހި ސަގަފަތުގެ ބައެކޭ ބުނެގެން އެކަމާ ދެބަސްވާން ނޫޅޭށެވެ. އެއީ ހަގީގަތުގައި ވެސް ދިވެހިންގެ ސަގާފަތުގެ ބައެކެވެ. މީގެ 800 ވަރަކަށް އަހަރުގެ ކުރީގެ ދިވެހި މާޒީ އަށް ބަލާއިރު، އަހަރެމެންގެ ކާބަފައިންނަކީ ބުދު ދީނުގެ އަހުލު ވެރިންކަން ޔަގީނެވެ.

ބުދު ދީނަކީ ހިންދީ ދީނުގެ ތެރެއިން އުފަންވި ފަލްސަފާއަކަށް ވާތީ، ބުދު ދީން އައުމުގެ ކުރިން ރާއްޖޭގައި އޮންނާނީ ހިނދީ ދީން ކަމީ ވެސް ގާތްގަނޑަކަށް ޔަގީން ކަމެކެވެ. ޔޯގާއަކީ ވެސް ހިންދީންގެ އަޅުކަމުގެ މައިގަނޑު ބައެކެވެ. ބުދު ދީން ވުޖޫދުވުމަށްފަހު ބުދު ދީނުގެ އަޅުކަމުގައި ވެސް ޔޯގާއަކީ މުހިންމު ބައެއް ކަމަށް ވެއްޖެ އެވެ.

ބުދު ދީނަކީ ގައުމީ ދީން ކަމުގައި ބަލާ ސްރީލަންކާ ފަދަ ގައުމުތަކުގައި އެމީހުންގެ ސްކޫލްތައް ފެށުމުގެ ގޮތުން ޔޯގާ ހެދުން އޮވެ އެވެ. ރާއްޖޭގައި ވެސް ކުރީ ޒަމާނުގައި މިކަން މިމަގުން ވާނީ ހިނގައިފަ އެވެ. މިހާރުގެ ސްކޫލްތަކުގައި ކިޔެވުން ފެށުމުގެ ކުރިން އެސެމްބްލީގައި ގުރުއާން ކިޔަވާ ބީދައިންނެވެ. އެހެންކަމުން ޔޯގާ މިވަނީ ދިވެހި ސަގާފަތާ ގުޅިފަ އެވެ.

ރާއްޖޭގެ އެކި އެކި ހިސާބުން ފެންނަ ދާގަބާ ތަކާ ބުދުތައް ފަދައިންނެވެ. އެއީވެސް ދިވެހި ސަގާފަތާ ގުޅުން ހުރި އާސާރީ ތަކެއްޗެވެ. ޔޯގާ ވެސް އެފަދަ އެވެ.

ބުދު ދީނުގައި ދިވެހިން ތިބީ ކިހާ ދުވަހެއް ވަންދެން ކަމެއް ބުނާކަށް ނޭނގެ އެވެ. އެހެން ނަމަވެސް ބުދުދީނާއި ހިންދީ ދީނަކީ ވަރަށް ޒަމާންވީ ދޮށީ ދީންތަކެވެ. ދުނިޔޭގެ ބޮޑު އާބާދީއެއް އެ ދީންތަކަށް އުޅެމުން އައި ދީންތަކެވެ.

ބުދު ދީނާއި ހިންދީ ދީން ފަދައިން ކްރިސްޓިއަން ދީނާ ޔަހޫދީ ދީން ވެސް އޮތްތާ އޮއްވައި، މުސްލިމުން އިސްލާމް ދީން ގަބޫލުކުރީ އެކަމަށް ސަބަބެއް އޮވެގެންނެވެ. އެއީ މުޅި އާލަމަށް ހިދާޔަތެއް ކަމުގައި އެއްކައުވަންތަ މާތްﷲ ފޮނުއްވި ދީން ކަން ގަބޫލު ވެގެންނެވެ. އެކަން ހިތުން ކަށަވަރު ނުވާނަމަ އެ މީހަކީ މުސްލިމަކަށް ނުވާނެ އެވެ.

އިސްލާމް ދީނަކީ ދީނެއްގެ ގޮތުގައި ފުރިހަމަ ވެގެންވާ ދީނެއްކަމާއި އެދީނަކީ އިންސާނުން އުޅެން ވީ ދީނުގެ ގޮތުގައި ކަނޑައެޅުއްވި ކަމާއި ގިޔާމަތާ ޖެހެންދެން ދެމިގެން ވާނޭ ދީނަކީ އެދީން ކަމުގައި ނިންމަވައި، އެހެން އެއްވެސް ދީނެއް މާތްﷲގެ ހަޒުރަތުގައި ގަބޫލު ނުކުރެއްވޭނެ ކަން އެކަލާނގެ ވަނީ އަންގަވާފަ އެވެ.

އެހެންކަމުން އެހެން ދީނެއްގެ އަޅުކަމެއް މުސްލިމުން ކުރާކަށް ނުޖެހޭނެ އެވެ. ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ މާތްﷲ އިންސާނުން އުޅެން ރުހިވޮޑިގަންނަވާ ދީނަކީ އިސްލާމް ދީން ކަމުގައި އެންގެވުމުން އެހެން ދީނެއްގެ އަޅުކަމުން ބައެއް ވެސް މުސްލިމުންނަކަށް ނަކަލެއް ނުކުރެވޭނެ އެވެ. މިކަން ވިސްނާނީ އަމިއްލަ ސިކުނޑިންނެވެ. އިސްލާމް ދީނަކީ ބުއްދީގެ ދީން ކަމަށްވެފައި ވިސްނައި ފިކުރު ކުރުމަށް މާތްﷲ މުސްލިމުންނަށް އަންގަވައިފައިވާތީ އެވެ.

ދިވެހިންނަކީ އެހެން ގައުމުތަކެކޭ ވެސް އެއްފަދައިން އަވައްޓެރި ގައުމުތަކެއްގެ މެދުގައިވާ ގައުމެކެވެ. އާދަކާދަޔާ ސަގާފަތަށް އެއްބައެއްގެ އަސަރު އަނެއްބަޔަކަށް ފޯރުމަކީ ނުވެ ނުދާނޭ ކަމެކެވެ. އެފަދަ ކަންކަމަކީ މައްސަލައެއް ކަމަށް ވެސް ދިވެހިން ނުދެކެ އެވެ. މިސާލަކަށް ދިވެހި ފިރިހެނުން ޒަމާނުއްސުރެ އަނދެ އުޅުނު ފޭލި ދޫކޮށް ދެކުނު އިންޑިއާ ފިރިހެނުން އަނދެ އުޅޭ މުންޑު އަންނަން ފެށި އެވެ. އެއީ މައްސަލައެއް ކަމަށް އެކަކު ވެސް ނުދެކެ އެވެ. ޝަކުވާ އެއް ނުކުރެ އެވެ. އެކަމަކު އެއްވެސް ތަނެއްގައި ބުއްދާގެ ބުދު ބަހައްޓައި، އެ ބުދުގައި މާފަތި އަޅުވާކަށް ދިވެހިން ހުއްދައެއް ނުދެ އެވެ. ސަބަބަކީ އެކަން އިސްލާމީ އަގީދާއާ ފުށު އެރުމެވެ.

ކޮންމެ މުޖުތަމައެއްގައި ވެސް އެންމެންނަކީ އެންމެ ރަނގަޅަށް އުޅޭ މީހުން ކަމަށް ނުވާނެ އެވެ. ވަކި ވަކި ފަރުދުން ކުރާ ވިޔާނުދާ ކަންތަކާ ގައުމުގެ ސަރުކާރުން ރާވައިގެން ހިންގާ ކަންކަމާ އެއްގޮތެއް ވެސް ނުވާނެ އެވެ. ސަބަބަކީ ސަރުކާރަކީ ހުރިހާ ރައްޔިތުން ތަމްސީލު ކުރާ ފަރާތް ކަމަށް ވާތީ އެވެ. އެހެންކަމުން ސަރުކާރުން ހިންގާ ހަރަކާތްތަކަށް ފާޑުކިޔުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ލިބިގެން ވާނެ އެވެ.

އިންޑިއާގެ ސަގާފަތް ދިވެހި ރާއްޖޭގައި ފެތުރުމުގެ ނަމުގައި އެ ގައުމުތަކުގެ ދީނީ އަޅުކަމެއް ކަމަށްވާ ޔޯގާ ދިވެހިންނަށް ދިވެހި ސަރުކާރުން ސްޕޮންސާކޮށްގެން ތައާރަފްކުރާކަށް ނުޖެހެ އެވެ. ޔޯގާއަކީ ދިވެހިން މީގެ 800 ވަރަކަށް އަހަރު ކުރިން ދޫކޮށްލާފައިވާ، ދިވެހި ސަގާފަތުގެ ބައެކެވެ. މައްކާގެ ރައްޔިތުން ލާތަ އާއި ޢުއްޒާ ދޫކޮށްލި ފަދައިންނެވެ.