ބޯހިޔާވެހިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން މާލެ ސަރަހައްދުން ހިލޭ ގޯތި ދޫކުރުމަކީ އެންމެ ރަނގަޅު އަދި އެންމެ އިންސާފުވެރިކަމާއެކު ކުރެވިދާނޭކަމެއް ކަމަށް ނުފެންނާތީ އެމައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުމުގެ ގޮތުން މެމްބަރު ސިރާޒު މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ޓަވަރުތަކުން 6،720 އާއިލާއަށް ފްލެޓް ދީފައިވާ ކަމަށެވެ. އޭގެ ތެރެއިން މާލޭ ރަށްވެހިންނާއި މާލޭގެ ދަފުތަރުގައި ޖެހިފައިވާ މީހުންނަށް ހާއްސަކޮށްފައިވާ އެޗް-8 އަދި އެޗް-9 ކެޓަގަރީން ފްލެޓް ދިން، 3،860 އާއިލާއަށްވެސް އެ ފްލެޓުތައް ދީފައި ވަނީ ފައިސާ ދައްކާ ގޮތަށް ކަމަށެވެ.

މި ފަހުން މާލެ މީހުންނަށް ހާއްސަކޮށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 60 ބިމެއް ވިއްކަން ހުޅުވާލިއިރު، އަކަފޫޓެއް 7000 ރުފިޔާއިން މަތީގައި ހުރިއިރުވެސް އެ ގޯތިތަކަށްވެސް މާލެ ރައްޔިތުންގެ ބޮޑު ޑިމާންޑެއް އޮތް ކަމަށް ސިރާޖު ވިދާޅުވި އެވެ.

އެ ސިޓީގައި ވަނީ މާލެ ސަރަހައްދުން ދޫކުރާ ގޯތިތައް 5000 އާއިލާއަށް އިންސާފުވެރިކަމާއެކު ބެހޭނެ ކަމަށް ނުދެކޭތީ އާއި އެ ބިންތައް ބީލަމަށް ލައިގެން ވިއްކައިފިނަމަ، ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިދާނެ ކަމަށް އަންދާޒާ ކުރެވޭ ފައިސާގެ އަދަދަކީ ކޮބައިތޯ ބަލަން އެދޭ ކަމަށެވެ.

"ދައުލަތުގެ ދަރަނި 100 ބިލިއަނަށް އަރައި ދަރަނި ނުދެއްކޭނެ ކަމުގެ ބަހުސް އިންތިހާއަށް ބޮޑުވެފައިވާ ހާލަތެއްގައި ހަތަރު ލައްކައެއްހާ މީހުންގެ އާބާދީގެ ތެރެއިން 5000 އާއިލާއަށް 48 ބިލިއަން ރުފިޔާގެ އަގު ހުރި ބިން ހިލޭ ދިނުމަކީ ބޮޑު ބޭއިންސާފެއް ކަމުގައި އަޅުގަނޑު ދެކެން،" ސިރާޖު ވިދާޅުވި އެވެ.

މާލެ ރައްޔިތުންނަށް ބިންވެރިޔާ ސްކީމުގެ ދަށުން 3،000 ގޯއްޗާއި 4،000 ފްލެޓަށް ކުރިމަތިލުމަށް މިއަދު ހުޅުވާލައިފި އެވެ.

މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކުރާނީ ސަރުކާރުގެ "ބިންވެރިޔާ ސްކީމް"އާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެއާއި ގުޅީފަޅުންނެވެ.

މި ފުރުސަތު މިއަދުން ފެށިގެން 26 ސެޕްޓެމްބަރުގެ ނިޔަލަށް ހުޅުވާލެވިފައި އޮންނާނެކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ. މި ބުރުގައި ހުޅުވާލާފައިވަނީ 3000 ގޯއްޗާއި 4000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ކަމަށްވެސް އެމިނިސްޓްރީން ބުނެ އެވެ.

މި ދެ ސްކީމަށް ޝަރުތު ހަމަވިނަމަވެސް، ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ އެ ފަރާތަކުން އިހްތިޔާރުކުރާ ކޮންމެވެސް އެއް ސްކީމަކަށް ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ